twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ކުރިއަރުވަން ހާއްސަ ސަމާލުކަމެއް ދޭނަން: ހެލްތް މިނިސްޓަރު

Dec 5, 2018

އަތޮޅުތަކުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ އަތޮޅުތަކުގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި އެގޮތުން ފެންވަރު މަތިކުރެވި ހިދުމަތްތައް ހަލުވިކުރެވި އަދި ސިއްހީ ހިދުމަތް ވަގުތުން ވަގުތަށް ބަރާބަރަށް ލިބޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ.

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދެވޭ ފެންވަރާއި އެތަންތަނުގައި ހުރި ދަތިތަކާއި ވަސީލަތްތައް މަދުކަމާއި އަދި ދުވަހުން ދުވަހަށް ލިބެން ޖެހޭ ފަރުވާ ހޯދުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަކީ ބޭސް ފަރުވާއަށް އަބަދު ސަލާން ޖަހާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ރާއްޖޭގެ ސިއްހީ ނިޒާމް ރަނގަޅުކުރުމަށްޓަކާ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތައް ގާއިމުކުރެވިގެންދާނެކަމަށެވެ. އަދި ސިއްހީ ހިދުމަތްތަކުގެ ވަސީލަތްތައް ގާއިމުކުރުމާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ.

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ބަރާބަރަށް ހިންގުމަށްޓަކާ ހެލްތް މިނިސްޓްރީގެ ހިންގުމަށް ގެންނަ ޖެހޭ ބަދަލުތައް ގެނެސް އޮނިގަނޑު ރާވާލާނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ސިއްހީ ހިދުމަތްތައް އަވަސްކޮށްދިނުމުގެ ނިޒާމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މިނިސްޓްރީގެ އިސް ފަރާތްތަކާ ހަވާލުކުރެވި ދުވަހުން ދުވަހަށް ރައްޔިތުންނަށް ދިމާވާ ސިއްހީ މައްސަލަތައް ހައްލުކުރުމަށްޓަކާ މައްސަލަކުރާނެ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގައި ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލުތަކަށް ބޭނުންވާ ބޭސް ބަރާބަރަށް ފޯރުކޮށްދިނުމުގައި މައްސަލަތަކެއް ހުރި ކަމަށާއި އެހެންވެ ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭސް ދޫކުރުމާއި ބޭސް ހުސްނުވެ ފޯރުކޮށްދިނުމާއި މިހާރު ގެންގުޅޭ ނިޒާމު އަލުން މުރާޖާކޮށް މިނިޒާމު ހަރުދަނާކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން އެތެރެކުރާ ބޭހުގެ ފެންވަރާ ދޭތެރޭ ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގެ އެ ސިޔާސަތުތައް އެކަށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރާ ޓާޝަރީ ހޮސްޕިޓަލުތަކާ ބެހޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި ގާއިމުކުރެވިފައިވާ ސިއްހީ ހިދުމަތްތައް ފުޅާކުރެވި އަވަސް ހިދުމަތްތަކެއް ލިބި، މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ އިތުބާރުކުރާ ހިދުމަތްތަކަށް ހެދުމަށްޓަކާ މަސައްކަތް ކުރާނެކަމަށެވެ. އަމީން ވިދާޅުވީ އެ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތްތަކަކީ ހަމައެކަނި އެރަށެއްގެ ހިދުމަތް ހޯދުމަށް އަންނަ މީހުންނަށް އެކަނި ހިދުމަތް ދެވޭ ހޮސްޕިޓަލުތަކުގެ ތަސައްވުރަށްވުރެ ބޮޑަށް އެއަށްވުރެ ފުޅާކުރާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ އާއި ކުޅުދުއްފުށީގެ ހޮސްޕިޓަލަށް މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް ޒިޔާރާތްކޮށް އެތަންތަނުގެ ހިދުމަތްތައް ބަލާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުތަކުގައި ޒަމާނީ ހިދުމަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތައް އަދި ސިއްހީ މަރުކަޒުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްށަކަށް އެމްބިއުލާސްގެ ހިދުމަތް ފޯރުކޮށްދީ، އެމެޖެންސީ ކެއަރގެ ވަރުގަދަ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ.

އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭން ޖެހޭއިރު ކައުންސިލުތަކުގެ ދައުރުފުޅާ ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355