އަންނަ އަހަރު ޖަލާލުއްދީން ސްކޫލްގައި ގުރޭޑް 9 ކިޔަވައިދޭ ގޮތަށް އަލުން ހަމަޖައްސައި އެކަން އެސްކޫލަށް އަންގައިފި އެވެ.
2016 ވަނަ އަހަރު އެެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ އެ ޖަލާލުއްދީން ސްކޫލަކީ ހަމައެކަނި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރުމަށެވެ. އެގޮތުން އަހަރަކު ގުރޭޑެއް ކައިރީގައި އޮތް ޕުރައިމަރީ ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒަށް ބަދަލުކުރަމުން ގޮސް 2020 ވަނަ އަހަރާ ހަމައަށް ހދ އޭއީސީ އަކީ ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 ކިޔަވައިދޭ ސްކޫލަކަށް ހަދަން ށެވެ.
އެގޮތުން 2017 ވަނަ އަހަރު ވަނީ ޖަލާލުއްދީން ސްކޫލުން 8 އުނިކޮށް ހދ އޭއީސީއަށް ގުރޭޑް 8 ބަދަލުކޮށް ކިޔަވައިދޭން ފަށާފަ އެވެ. އަދި އަންނަ އަހަރު ގުރޭޑް 9 އޭއީސީއަށް ބަދަލުކުރުމަށް އެޑިއުކޭޝަނުން ވަނީ ކުރިން ނިންމާ އެކަން މިއަހަރުވެސް ސްކޫލްތަކަށް އަންގާފަ އެވެ. ނަމަވެސް އަލުން އެކަން ބަދަލު ގެނެސްފައިމިވަނީ ހދ އޭއީސީގެ ޖާގައިގެ މައްސަލަ ބޮޑުވުމުންނާއި މަތީ ގުރޭޑްތަކަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް އެސްކޫލުގައި ނެތުމުން އެކަމުގެ ޝަކުވާ ބެލެނިވެރިން އުފުލުމުން، އާ ސަރުކާރުންނެވެ.
އެޑިކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ކޭއޯއަށް މިއަދު ވިދާޅުވީ އަންނަ އަހަރު ގުރޭޑް 9 އަކުން ފެށިގެން 12 އަށް ކިޔަވައިދޭނީ ޖަލާލުއްދީން ސްކޫލްގައި ކަމަށާއި ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 8 ކިޔަވައިދޭނީ ހދ އޭއީސީގަ ކަމަށެވެ. ނަމަވެސް އެބަދަލަކީ ދާއިމީ ބަދަލެއްކަމެއް ނުވަތަ ވަގުތީ ބަދަލެއް ކަމެއް ތޯ ވަނީ ޔަގީން ނުވެފަ އެވެ.
އެ އޮފިޝަލް ވިދާޅުވީ އަންނަ އަހަރު ގުރޭޑް 9 ޖަލާލުއްދީންގައި އޮންނާނެކަން އެކަމާ ގުޅުން ހުރި ސްކޫލުތަކަށް މިހާރު ވަނީ އަންގާފަ ކަމަށެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރުވެސް 1300 ވުރެއް ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެ އެވެ. އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް 12 ކުލާސް ރޫމް އިމާރާތެއް ހަދަން އަންނަ އަހަރުގެ ބަޖެޓްގައި ވަނީ މިހާރު ހިމަނާފަ އެވެ.