ނައިބު ރައީސް ފައިސަލް ނަސީމް ހދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން، ކުޅުދުއްފުށީ ކައުންސިލާއި ހދ އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ޝަކުވާތައް އަޑުއައްސަވައިފި އެވެ.
ވަކި ވަކިން އޮތް މިބައްދަލުކުރުމުގައި ނައިބު ރައީސް ފައިސަލް ނަސީމްއާއެކު ހެލްތް މިނިސްޓަރު އަބުދުﷲ އަމީން އާއި ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
މިބައްދަލުވުމުގައި ކުޅުދުއްފުއްޓަށް ދިމާވެފައިވާ މައްސަލަތައް ވަނީ ނައިބު ރައީސްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ނައިބު ރައީސްއާ ހިއްސާކުރި މުހިންމު މައްސަލަތައް ބަލާއިރު ބަނދަރުގެ މައްސަލަ އާއި ރޯހައުސް، މަގުތަކުގެ މައްސަލަ، ސްކޫލުތަކުގެ މައްސަލަ އަދި ކުނިކޮށި، ހޮސްޕިޓަލުގެ މައްސަލަތައް ފާހަގަކުރެވެ އެވެ.
ހދ އަތޮޅަށް ދިމާވެފައިވާ ހުރި މައްސަލަތަކާއި ބެހޭގޮތުން އަތޮޅު ކައުންސިލަރުން ވަނީ ނައިބު ރައީސްއާ ހަމައަށް މައްސަލަތައް ގެންގޮސްފަ އެވެ.