ކުޅުދުއްފުށީގައި ގެޔެއްގައި ހުރި ރިހާކުރު ފުޅިތަކެއް ވަގަށް ގެންގޮސްފި އެވެ.
ތިލަދެކުނު ސިނަމާ ކައިރީގައި ހުންނަ މިގެއިން ވަގަށް ގެންގޮސްފައިވަނީ ފޯސްޓަރ ކުލާކް ޖޫސް ހުސްކުރި ފުޅީގެ 11 ފުޅި ރިހާކުރެވެ.
ރިހާކުރު ކައްކާ އޭގެ ވިޔަފާރި ކޮންމެވެސް ވަރަކަށް ކުރަމުންދާ އެގެއިން ރިހާކުރު ފުޅިތައް ވަގަށް ގެންގޮސްފައިވަނީ ބަދިގޭގައި ހުރި ކަބަޑެއްގައި ބަހައްޓާފައި ހުއްޓަ އެވެ.
މިދިޔަ މަހު ފަހު ކޮޅު ހިނގި މި ވައްކަމުގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވީނަމަވެސް މިހާތަނަށް މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިއެއް ނުވެ އެވެ.
މީގެ ކުރިންވެސް މިގެއިން ވަނީ ރޯނު ބޮނޑިތަކެއްވެސް ވަގަށް ގެންގޮސްފަ އެވެ.