ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ހދ ވައިކަރަދޫން ބިން ދޫކުރުމަށް ކައުންސިލުން އިއުލާންކޮށްފި އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ މިވަގުތު ދޫކުރަން ނިންމާފައިވަނީ 2 ބިން ކަމަށާއި އެއިން ބިމެއްގެ ބޮޑު މިނަކީ 20،000 އަކަފޫޓް ކަމަށެވެ.
10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ މި ދެ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ހުޅަނގު ފަރާތުންނެވެ.
އޭނާ ވިދާޅުވީ 5000 އަކަފޫޓްގެ ބިންތައް ވަރަށް އަވަހަށް ދަނޑުވެރިކަމަށް ހުޅުވާލާނެ ކަމަށެވެ. ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ކޮންމެ ފަރާތްތަކަށްވެސް މި ފުރުސަތު ހުޅުވާލާފައިވާއިރު މި ދެ ބިމަށް ހުޅުވާލާފައިވާ އެންމެ ފަހުގެ ތާރީހަކީ މިމަހު 16 ވަނަ ދުވަހެވެ.
ފުޅާ ދާއިރާއެއްގައި ވައިކަރަދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާއިރު އެރަށުގައި މިހާރު އެންމެ ގިނައިން ހަދަމުންދަނީ ފަތްކޭލެވެ. މީގެ އިތުރުން ފަޅޮލާއި ކަރާ އަދި ބަރަބޯވެސް ހައްދަ އެވެ.