twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަހަރު ފެށުނުއިރު ކުޅިވަރު ކަލަންޑަރެއް ނިންމައެއް ނުލެވުނު !

Jan 8, 2019

ކުޅުދުއްފުށީ ކުރިއަށްގެންދާ ކުޅިވަރުތައް ބާއްވާނެ ތާރީހުތައް ކުރިއަށް އެނގޭނެގޮތަށް ކުޅިވަރު ކަލަންޑަރެއް އެކުލަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކައުންސިލުން ހާމަކޮށްފައިވަނީ މި ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ދިހަވަނަ ދުވަހު އެވެ.

ޒުވާނުންތަކެއް އެދުމުގެ މަތިން ފެށި މިމަސައްކަތް ކުރާކަން ކައުންސިލުން ހާމަކުރުމާއެކު ކުޅިވަރުގެ ދާއިރާތަކުގައި އުޅޭ ގިނަ ބަޔެއްގެ ތައުރީފު ކައުންސިލަށް ލިބިގެންދިޔަ އެވެ.

ނަމަވެސް އަހަރު ފެށުނުއިރު ކަލަންޑަރު އެކުލަވާލައި އާންމުކޮށްފައިނުވާތީ ބައެއް ރައްޔިތުން ދަނީ އެކަމާ ސުވާލު އުއްފަދަމުންނެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލު މެމްބަރަކު ބުނީ ކުޅިވަރު ކަލަންޑަރު އެކުލަވާލައި  މިމަހުގެ ތެރޭގައި އާންމުކުރާނެ ކަމަށެވެ.

ލަސްވެގެން ދިޔައީ އެކަމާ ހަވާލުވެ ހުރި ފަރާތުން ޗުއްޓީ ނެގުމުންކަމާއި ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށް އެ ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް މީގެ ކުރިން ކޭއޯއަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް ކުރަނީ އެކަމަށްޓަކާ ނަގައި ހާއްސަ ކޮމެޓީއަކުން ކަމަށާއި އެކޮމެޓީގައި ތިބެނީ ޖަމިއްޔާތަކުންނާއި ކުޅިވަރު ދާއިރާތަކުން ނަގައި ފަރާތްތަކުން ކަމަށެވެ. ކަލަންޑަރު އެކުލަވާލައި ޖެނުއަރީމަހަށް އިއުލާންކުރެވޭ ވަރުވާނެކަމަށް ކައުންސިލުން ދެކޭކަމަށެވެ.

ކަލަންޑަރު އެކުލަވާލުމުގެ ސަބަބުން ރަށުން ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ކޮންމެ އަހަރަކުވެސް ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކުން ގައުމީ ފެންވަރު އާއި އަތޮޅު އަދި ރަށު ފެންވަރުގައި ކުޅުދުއްފުށީގައި އަންނަނީ ގިނަ ކުޅިވަރު މުބާރާތްތައް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355