twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ތައާރަފްކުރުމަކީ ކައުންސިލްގެ ވިސްނުމެއް

Jan 9, 2019

ކުޅުދުއްފުއްޓަށް ލޯކަލް ޓޫރިޒަމް ތައާރަފުކޮށް އެ ވިޔަފާރި ގެނައުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގައި އެއާޕޯޓް އޮތްނަމަވެސް މި އަތޮޅުގައި ގެސްޓް ހައުސްގެ ވިޔަފާރި ފައްކާވެފައިނުވެ އެވެ. ދެ ރަށެއްގައި ފިޔަވާ ލޯކަލް ޓޫރިޒަމުގެ ހަރަކާތް ކުރިއަކަށް ނުދެ އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ތައާރަފުކޮށް އެމަސައްކަތް ކުރުމަކީ ކައުންސިލްގެ ވިސްނުމެއް ކަމަށެވެ. އަދި ކުރީގެ ކައުންސިލުންވެސް ލޯކަލް ޓޫރިޒަމު ތައާރަފުކުރުމަށް މަސައްކަތްތަކެއްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތްތަނުގައި އެއާޕޯޓް ހުޅުވި ހިދުމަތް ލިބެން ފެށުމުން ފަތުރުވެރިން ގެނައުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެހެންކަމުން ސަރުކާރުގެ ތެރެއިން ލޯކަލް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސަރުކާރުގެ ތެރެއިން އެކަން ހަމަޖެހިގެން ދިއުމުން ގެސްޓްހައުސް ވިޔަފާރިއަށްް ހާއްސަކޮށް ބިންތަކެއް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާއިރު ލަތީފް ވަނީ ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމްއާވެސް ބައްދަލުކޮށް ލޯކަލް ޓޫރިޒަމު ކުޅުދުއްފުއްޓަށް ތައާރަފުކުރާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

ދާދި ފަހުން ބޭއްވި ގެސްޓްހައުސް މަހާސިންތާގައި ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ވަނީ ޓޫރިޒަމު މިނިސްޓަރަށް މުހިއްމު ތިން ކަމެއް ހުށަހަޅާފަ އެވެ. އެއީ ހދ އަތޮޅުގައި ފަތުރުވެރިކަންފުޅާކޮށް އިތުރު ރިސޯޓްތައް ވީހާވެސް އަވަހަކަށް އޮޕަރޭޝަނަށް ގެނައުމާއި ހަނިމާދޫއަށް ދަތުރުކުރާ ފުލައިޓްތަކުގެ ޓިކެޓް އަގުހެޔޮކޮށްދިނުމުގެ އިތުރުން ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ފަށާދިނުމެވެ.

ނިމިދިޔަ ކައުންސިލުންވެސް ލޯކަލް ޓޫރިޒަމް ކުޅުދުއްފުއްޓަށް ތައާރަފުކުރުމަށް މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެގޮތުން އެކަމަށް ވަކި ސަރަހައްދެއް ކަނޑައަޅައި ބިން ދޫކުރުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދިފައިވެ އެވެ. ނަމަވެސް ކުރީގެ ސަރުކާރުން އެކަމަށް ބިން ދޫކުރަން ހުއްދަ ދީފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355