ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި، ކުޅުދުއްފުށީ ސްކޫލުތަކުގައި 2736 ދަރިވަރުން !

އަބްދުލް ވާހިދު ޙަސަން - 2 މަސް ކުރިން - 13 ޖަނަވަރީ 2019


ހދ އޭއީސީގެ ދަރިވަރުންތަކެއް މިއަދު އެސެމްބްލީއަށް ދަނީ--

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގެ އާބާދީ ފާއިތުވި އަހަރާ ބަލާއިރު އިތުރުވެއްޖެ އެވެ. މިއަހަރު މިރަށު ސްކޫލުތަކުގައި 2736 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ.

މިދިޔަ 2018 ވަނަ އަހަރު މިރަށު ސްކޫލުތަކުގައި ތައުލީމު ހާސިލުކޮށްފައިވަނީ 2687 ދަރިވަރުންނެވެ. އެ އަދަދު ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 11 އަށް ދަރިވަރުން ވެއްދުމުން މަތިވާނެ އެވެ.

ކައުންސިލުން ހިންގާ ޕްރީ ސްކޫލެއް ކަމަށްވާ އަމީރު އަމީން ސްކޫލުގައި މިއަހަރު 322 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެއީ ނާސަރީގައި 175 ދަރިވަރުންނާއި ބޭބީ ނާސަރީގައި  147 ދަރިވަރުންނެވެ. މިދިޔަ 2018 ވަނަ އަހަރު އަމީރު އަމީން ސްކޫލުގައި ތައުލީމް ހާސިލުކޮށްފައިވަނީ 317 ދަރިވަރުންނެވެ.

ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް މިއަދުގެ އެސެމްބްލީގައި–

މި އަހަރުވެސް އެންމެ ބޮޑު އާބާދީއާ އެކު ކިޔެވުން ފެށި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ. ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 8 އަކަށް ކިޔަވައިދޭ މި ސްކޫލުގައި މިއަހަރު 1336 ދަރިވަރުން ތައުލީމު ހާސިލުކުރާނެ އެވެ. މިއީ އަތޮޅުތެރޭގައި ހުރި އެންމެ އާބާދީ ބޮޑު ސްކޫލެވެ. މިދިޔަ އަހަރު ޖުމްލަ 1305 ދަރިވަރުން އެ ހދ އޭއީސީގައި ތައުލީމް ހާސިލުކޮށްފައިވެ އެވެ.

ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ  އަފީފުއްދީން ސްކޫލްގައި މިއަހަރު 853 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. މިއަހަރު އަލަށް އެސްކޫލާ ވަނީ 115 ދަރިވަރަކު ގުޅިފަ އެވެ. މިދިޔަ އަހަރު އަފީފުއްދީން ސްކޫލުގައި 820 ދަރިވަރުން ތައުލީމު ހާސިލުކުރި އެވެ.

ގުރޭޑް ނުވައަކުން ފެށިގެން 12 ކިޔަވައިދޭ ޖަލާލުއްދީން ސްކޫލުގައި މިއަހަރު ޖުމްލަ 225 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ. ނަމަވެސް ގުރޭޑް 11 އަށް ކުދިން ވަނުމުން އެންރޯލްމަންޓް އިތުރުވެގެންދާނެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވާއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގެ 2736 ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް 239 ޓީޗަރުން ހަރަކާތްތެރިވާނެ އެވެ.

އަފީފުއްދީން ސްކޫލުގެ ދަރިވަރުންތަކެއް މިއަދުގެ އެސެމްބްލީގައި–

މިއަހަރުގެ ދިރާސީ އާ އަހަރުގައި މުޅި ރާއްޖޭގެ ސްކޫލްތަކުގައި އެލްކޭޖީން ފެށިގެން ގްރޭޑް 12 އަށް ޖުމުލަ 73،035 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާނެއެވެ. މިއަހަރު ސްކޫލްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންގެ އަދަދަކީ 9800 އެވެ. މީގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7900 އެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ކިޔަވާދޭނެއެވެ.


ގުޅުން ހުރި ލިޔުންތައް