ކުޅުދުއްފުށީ ސްކޫލުތަކަށް މިއަހަރު އަލަށް 42 ޓީޗަރުން ގުޅިއްޖެ އެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ކުޅުދުއްފުށީގެ ހުރިހާ ސްކޫލަކަށްވެސް ޓީޗަރުން ވަނީ ހަމަވެފަ އެވެ.
އެގޮތުން ހދ އަތޮޅު ތައުލީމީ މަރުކަޒަށް މިއަހަރު އަލަށް 24 ޓީޗަރުން ގުޅިފައިވާއިރު އެސްކޫލުގައި ޖުމްލަ 102 ޓީޗަރުން ހަރަކާތްތެރިވާނެ އެވެ. އަފީފުއްދީން ސްކޫލުގައި މިއަހަރު 81 ޓީޗަރުން ހަރަކާތްތެރިވާއިރު 16 ޓީޗަރުންނަކީ އަލަށް ގުޅުނު ޓީޗަރުންނެވެ.
ޖަލާލުއްދީން ސްކޫލާ މިއަހަރު 2 ޓީޗަރުން އަލަށް ގުޅުނުއިރު ޖުމްލަ 42 ޓީޗަރުން އެސްކޫލުގައި ކިޔަވާދެއްވުމުގައި ހަރަކާތްތެރިވާނެ އެވެ. އަމީރު އަމީން ސްކޫލާ މިއަހަރު ފެށުނުއިރު އަލަށް ޓީޗަރެއް ނަގާފައިއެއް ނުވެ އެވެ. އެސްކޫލުގައި ޖުމްލަ 14 ޓީޗަރުން ހަރަކާތްތެރިވާނެ އެވެ.
މިއަހަރު ޖުމްލަ ކުޅުދުއްފުށީ ސްކޫލުތަކުގައި 239 ޓީޗަރުން، 2736 ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށީގައި ހަރަކާތްތެރިވާނެ އެވެ.
މިއަހަރު މުޅި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދެއްވުމުގައި 9800 ޓީޗަރުން ހަރަކާތްތެރިވާނެ އެވެ. މީގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7900 އެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި 1900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި އަހަރު ކިޔަވާދޭނެއެވެ.