twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ ޤައުމުގައި އަމާންކަމެއް ދެމިގެނެއް ނުދާނެ: ނައިބު ރައީސް

Jan 13, 2019

ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ ޤައުމުގައި އަމާންކަން ދެމިގެން ނުދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުފުޅުތަކުގެ ތެރެގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު އަމީނިއްޔާ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މީގެ ކުރީގައި ދިވެހި ސަރުކާރުން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުޤުވެރިން ބަހައްޓައި، ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅަށްފަހު، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އަމީނިއްޔާ ސްކުލްގެ ދަރިވަރުންނާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355