twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޖަމްޝީދުއަށް ތާއިދުކުރުމަށް އާދަމް ވަހީދު ނިންމައިފި

Jan 22, 2019

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުކޮށްފައިވާ ޖަމްޝީދު މުހައްމަދަށް ތާއިދުކުރަން ނިންމާފައިވާކަމަށް އާދަމް ވަހީދު ވިދާޅުވެއްޖެ އެވެ. އާދަމް ވަހީދު ވަނީ ޖަމްޝީދާއެކު ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިވެލައްވަން ޖެހިވަޑައިގެންފަ އެވެ.

ޕްރައިމަރީއަށް ފަހު ޖަމްޝީދުއާ މެދު ނުތަނަވަސްކަމެއް އާދަމް ވަހީދު އޮތްކަމަށް ފާހަގަކުރެއްވިފައިވަނީ ރޭ ގައި އޭނާ ޖެހި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ޕްރައިމަރީގައި އެމްޑީޕީގެ މެމްބަރުން ނިންމި ނިމުމަށް އިހްތިރާމްކުރާ ކަމަށާއި ނަމަވެސް ޖަމްޝީދުއަށް ވޯޓްލާން ޖެހޭ ސަބަބެއް ނުވާތީ ވަކި ގޮތެއް ނިންމަން އުޒުރުވެރިވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ކޭއޯއިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ވަހީދު ވިދާޅުވީ ޕްރައިމަރީއަކަށް ކެންޑިޑޭޓުން ނިކުންނަނީވެސް އެ ޕްރައިމަރީއަކުން މޮޅުވާ ކެންޑިޑޭޓެއް ފަހަތަށް އަރައި އެ ގޮނޑިއެއް ޕާޓީއަށް ހޯދުމަށް އެއްބަސް ވެގެން ކަމަށެވެ. އަދި ޓިކެޓް ކަށަވަރުކުރާ ކެންޑިޑޭޓަކަށް މަރުހަބާވެސް ކިޔަން ޖެހޭ ކަމަށެވެ.

“އެކަން ގަބޫލުކޮށްގެން ފުރަތަމަ ޕްރައިމަރީއަކަށް މިނުކުންނަނީވެސް. އެއީ ކުރަން ޖެހޭކަމެއް.” ކުޅުދުއްފުށީގެ ފުރަތަމަ ކައުންސިލަރުގެ މަގާމު ފުރުއްވި އާދަމް ވަހީދު ވިދާޅުވި އެވެ.

އާދަމް ވަހީދު ވިދާޅުވީ އިންތިހާބަކަށް ނިކުންނަށްއިރު ރައްޔިތުންނަށް ވިއްކާނެ މެނިފެސްޓޯއެއް އޮންނަ ޖެހޭނެ ކަމަށެވެ. ކޮންމެ ކެންޑިޑޭޓަކީވެސް އެންމެ ރަނގަޅު ކެންޑިޑޭޓެއް ކަމަށާއި ނަމަވެސް އެ ކެންޑިޑޭޓެއް ހޮވަން ޖެހޭނީ މެނިފެސްޓޯއަށް ބަލައިގެން ކަމަށް އާދަމް ވަހީދު ވިދާޅުވި އެވެ.

މި ޕްރައިމަރީގައި ޖަމްޝީދު ވާދަކޮށްފައިވާއިރު އޭނާގެ މެނިފެސްޓޯއެއް ނުވަތަ އެންމެ ކުޑަމިނުން ރައްޔިތުންނަށް ކޮށްދެއްވާނެކަމެއްވެސް ވިދާޅުވެފައިނެތުމަކީ އުނިކަމެއް ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށް ކުޅުދުއްފުށީގައި އެމްޑީޕީ އުއްފެއްދުމުގެ މަސައްކަތުގައި އުޅުއްވި އާދަމް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓިކް އުސޫލާއި ވޯޓްލާން ޖެހޭ ސަބަބު ރައްޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދިވެސް ދަންނަވާނީ ރައްޔިތުންނަށް ނުވިސްނެނީއޭ. ވޯޓެއްލާއިރު އެ ކެންޑިޑޭޓަކަށް ރައްޔިތުން ވޯޓްލާން ޖެހޭ ސަބަބު އެބަ ބުނެދޭން ޖެހޭ.” އާދަމް ވަހީދު ވިދާޅުވީ އެވެ.

ޑިމޮކްރަސީއަކީ ގިނަ ބަޔަކު ބޭނުންވާ ގޮތް ކަމަށާއި ޖަމްޝީދުގެ ތަސައްވަރެއް ނެތްކަމުގައި ވިޔަސް ތިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅީ އޭނާކަމަށް ރައްޔިތުން ވަނީ ނިންމާފަކަމަށެވެ. އަދި އެކަމަށް އިހްތިރާމުކުރާ ކަމަށާއި ޖަމްޝީދުގެ ގޮނޑި އެމްޑީޕީއަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާދަމް ވަހީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355