twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިނިމަމް ވޭޖް ކަނޑައަޅާނީ ހުރިހާ ފަރާތްތަކާ މަސްވަރާކުރުމަށްފަހު: އިކޮނޮމިކް މިނިސްޓަރ

Jan 28, 2019

ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ދޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާނީ ހުރިހާ ފަރާތްތައް ހިމެނޭގޮތުން މަޝްވަރާ ހޯދައިގެންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ހާމަކޮށްފި އެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ހާމަކޮށްފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އެކުލަވާލަންޖެހޭ ބޯޑު އެކުލަވާލުމަށް މިހާރު ރައީސް ހުއްދަ ދެއްވާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް މި ބޯޑު އެކުލެވިގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ބޯޑު އެކުލެވިގެންދާއިރު ބޯޑުގައި ހިމަނާނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅަކާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލްކުރަން 2 ބޭފުޅުންގެ އިތުރުން ވަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލްކުރަން 2 ބޭފުޅުން ހިމެނޭ ގޮތަށް 5 މެމްބަރުގެ ގެ ބޯޑެއްކަމަށެވެ.

ކޮމިޓީ ތެރެއިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ދިރާސާކުރާނެކަމަށާއި މިކަމަކީ ކުއްލިއަކަށް ކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދާއިރު މިކަން ނިމިގެންދާނީ ހުރިހާ ފަރާތްތަކަށްވެސް ލުއި ފަސޭހަގޮތަކަށްކަމަށް މިނިސްޓަރު ވަނީ ފާހަގަކުރަށްވާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މުސާރައާއި އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށް އެކުލަވާ ބޯޑަކީ މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަނެ މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން ދެވޭ އެންމެ ކުޑަ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކާ އެކުލަވާލާ ބޯޑެކެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުން މުސާރައާއި އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދޭ ބޯޑު އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 5 މެންބަރުންގެ މައްޗަށެވެ. އަދި މި ބޯޑު ހިންގާނެ ގޮތާއި ބޯޑަށް ލިބިގެންވާ ބާރުތަކާއި ބޯޑުގެ ވާޖިބުތައް މި ގާނޫނުގެ ދަށުން މިނިސްޓަރު ހަދާ ގަވާއިދަކުން ކަނޑައަޅަންވާނެކަމަށްވެސް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355