twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލެއް ހޯދުމަށް ޒަމާނީ ފެންވަރުގެ އިންސިނަރޭޓަރެއް ފޮނުވަނީ

Feb 8, 2019

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށަށް އިންސިނަރޭޓަރެއް ފޮނުވާނެކަމަށް އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުނީގެ ހާލަތު ބައްލަވާލެއްވުމަށް އެމަނިކުފާނު މިއަދު ވަނީ ކުޅުދުއްފުށީ ކުނިކޮއްޓަށް ވަޑައިގެންފަ އެވެ. އަދި އެތަނުގެ ކުނީގެ ހާލަތު އޮތް މިންވަރު ފެނިވަޑައިގެން މިނިސްޓަރު ވަނީ ކަންބޮޑުވުންފާޅުކުރައްވައި ކުނިމެނޭޖްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކައުންސިލުން ފެށުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އެކަމަށް ބޭނުންވާ ފަންނީ ބައެއް އެހީ އާއި މާލީ އެހީތެރިކަންވެސް ކައުންސިލަށް ފޯރުކޮށްދެއްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހުސެއިން ވިދާޅުވީ ހަތަރު ޓަނުގެ އިންސިނަރޭޓަރެއް ކުޅުދުއްފުއްޓަށް ފޮނުވާނެ ކަމަށެވެ. އެހެންކަމުން ކުނި މެނޭޖްކުރުމަށް ކޮންމެވެސް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ.

މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުއްޓަށް ފޮނުވާނީ ވަރަށް ޒަމާނީ ފެންވަރުގެ އިންސިނަރޭޓަރެއް ކަމަށާއި އެ މެޝިން ބެހެއްޓުމަށް ބޭނުންވާ ތަން ހެދުމާއި ބޭނުން ކުރަން މުވައްޒަފުންނަށް ތަމްރީންވެސް މިނިސްޓްރީން ދެއްވާނެކަމަށް ޑރ ހުސެއިން ވިދާޅުވި އެވެ. އިންސިނަރޭޓަރު ފޮނުވާނެ ތާރީހެއް ސީދާ ވިދާޅުނުވިޔަސް އެ މެޝިން ވަރަށް އަވަހަށް ފޮނުވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންސިނަރޭޓަރަށް ފަހު ކުނި މެނޭޖްކުރުމަށް ބޭނުންވާ އިތުރު ސާމާނު ހޯދައި ކުޅުދުއްފުއްޓަށް ފޮނުވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355