twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން

Feb 12, 2019

ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށެނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަމަށާއި، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ޤައުމު އިސްލާހްކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކެމްޕޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު މި ފެށުނު “ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން” ކެމްޕޭނަކީ،ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް، ތަހައްމަލްނުކުރާނެ ކަމުގެ ޔަޤީންކަން، މުޅި ރާއްޖެއަށް ހާމަކޮށްދޭ ސިޔާސަތެއްކަމުގައެވެ.

އަދި އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މިހާރުވެސް، މި ސަރުކާރުން ވާނީ، ނަޒާހަތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައިކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަދު މިފެށުނު ކެމްޕޭންގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް ރައީސް ވަނީ ސަރުކާރުން ޤާއިމުކޮށްދިން، ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ ވެބްޕޯޓަލްގެ ބޭނުންކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދި އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވުމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އާންމު ރައްޔިތުން ވެސް، މިޕޯޓަލް މެދުވެރިކޮށް، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް،އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ހިމާޔަތް ދިނުމަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޮރަޕްޝަންގެ އަމަލުތައް ހާމަކުރުމަށް ބާރުއަޅައި، އެފަދަ އަމަލުތައް ހާމަކުރާ މީހުން ހިމާޔަތްކޮށްދިނުމަށް، އެކުލަވައިލާފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

“ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކެމްޕެއިން އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި “ހުރިހާ އިންތިޚާބީ އަދި އައްޔަނުކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އެންޓިކަރަޕްޝަން އަދި ގުޑްގަވަނަންސް އާގުޅޭ ޕްރޮގްރާމް” ގެ ދަށުން ކެބިނެޓް ވަޒީރުންނަށް ޚާއްޞަ ކުރެވިގެން މިއަދު ބޭއްވެވި ދަންފަޅީގައި ކެބިނެޓް ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައިވެރިވެވަޑައިގެންނެވިއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355