twitterviber whatsapp telegramfacebookyoutube instagram
27th May 2020

ނޯޓްފޮތް: ފެހިކަންގަދަ ޕާކެއް ބޭނުމެއްނުވޭތަ؟

Feb 20, 2019

ޕާކެއްގެ ވާހަކަ ބުނާއިރަށް ހިތަށް ސިފަވަނީ ވަށައިގެން ތިރިފެންސެއްޖަހައި، ގުދުގުދު ލައިފައި ދުވާ ނަންނުގައްޗެއްހެން ހީވާގޮތަށް ހަނި ‘މަގު’ތަކެއްލައިފައި، ޕްލާސްޓިކް ސީސޯ އާއި އުނދޯލި ފަދަ ތަކެތި ބަހައްޓާފައިހުންނަ، ހިޔާދޭ ގަހެއް އަމުދުން ނުހުންނަ ހުސްބިމެއްހެއްޔެވެ؟ މިހާރަކަށް އައިސް އަހަރެމެން ޕާކް މިކިޔަނީ މިފަދަ ތަންތަނަށެވެ. އެކަމަކު އަހަރެން، ‘ޕާކް’ އޭ މިކިޔަނީ ހަމައެކަނި ހެނދުނާއި ހަވީރު ބޭނުންކުރެވޭގޮތަށް ހުންނަ މިފަދަ ތަންތަނަކަށް ނޫނެވެ.

އަހަރެން ‘ޕާކު’އޭ މި ކިޔަނީ، ހުރިހާ އުމުރެއްގެ މިހުންނަށް ހުރިހާވަގުތެއްގައި ބޭނުންކުރެވޭގޮތަށް ނިކަން ގިނަ ގަސްގަހާގެހި ހުންނަ، ޠޮބިޢީ ސިފަ ހުންނަ ތަނަސް ތަންތަނަށެވެ. މިފަދަ ޕާކުތަކަކީ، ރަށްރަށަށް އަދި ވަކިން ހާއްސަކޮށް، ސިޓީތަކަށް ވަރަށް މުހިންމު ތަންތަނެވެ. ގެދޮރު އަޅާ މުޅިރަށް ނުވަތަ ސިޓީ ފުރާލިޔަސް، މިކަހަލަ ޕާކުތަކަށް އެކަށިގެންވާ ޖާގަތައް، ސިޓީތައް ޕްލޭންކުރާއިރު ކަނޑައަޅަނީ އެއީ، އިންސާނުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް މުހިންމު ތަންތަނަށް ވާތީއެވެ.

ނިކަން ބަލާށެވެ. ހުޅުމާލެ ޕްލޭންކުރިއިރު އެއޮތީ ތަނަވަސް ޖާގައެއް ބާއްވާފައެވެ. ޠޮބީޢީ ކުޅިއެއް ނެތުމުން އެއޮތީ އެތަނުގައި، ފެންގަނޑެއްވެސް ކޮނެގެން ހަދާފައެވެ!  މާލެ އަކީ ޕްލޭންކޮށްގެން ހަދާފައިވާ ރަށަކަށް ނުވިޔަސް، ސަރުކާރުން މިހާރު ނިންމާފައި އެވަނީ މާލޭގައި އިތުރަށް ސަރުކާރުގެ އެއްވެސް އިމާރާތެއް ނުކުރުމަށެވެ. ބާކީހުރި ހުސްބިމެއްވިއްޔާ އާންމުންނަށް ހުޅުވާލާށެވެ. މާލޭގެ އިރުމަތި ފަރާތުގައި ކުޑަ މޫދެއް ހެދުމަށްފަހު އެވަރުން އަދި ނުފުދޭތީ، އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށް، ހުޅަނގުފަރާތުގައި އެއޮތީ ރަސްފަންނު ބީޗް ހަދާފައެވެ. އެއީ ކީއްވެ ހެއްޔެވެ؟

ރަށެއްގައި ނުވަތަ ސިޓީއެއްގައި އުޅޭ މިހުންނަކީ މަސައްކަތުން އަވަދިވުމުން ގެއަށްއައިސް، އަނެއްފަހަރު މަސައްކަތު ދާންވަންދެން ގޭގައި ތިބޭނެ ބައެއްނޫނެވެ. އެމީހުންގެ ދުޅަހެޔޮކަމަށް، ސޯޝަލައިޒްވާން ކޮންމެހެންވެސް ޖެހޭނެއެވެ. ޕާކުތައްފަދަ، އާންމު މައިދާންތައް ބޭނުންވަނީ މިސަބަބަށްޓަކައެވެ. ވީމާ، މުޅި ރަށް ނުވަތަ ސިޓީ ފުރެންދެން ގެދޮރު އެޅުމުގެ ވިސްނުމަކީ އިންސާނުންގެ ދިރިއުޅުމުގެ ޠޮބީޢަތާއި ބީރެއްޓެހި، އަމުދުން، އިންސާނުންގެ ދުޅަހެޔޮކަމާއި އިދިކޮޅު ވިސްނުމެކެވެ.

ގަބޫލްކުރަން ދަތިވިޔަސް ތާރުއަޅައިގެން ހަދާފައިވާ މަގުތަކާއި ތޮއްޖެހިފައިވާ ޢިމާރާތްތަކުން ރަށުގެ ހޫނުކަން އިތުރުކޮށްދެއެވެ. ރަށުގެ ކުރިމަގު ފެންނަނީ އެގޮތަށެވެ. ރަށް ޕްލޭންކުރާއިރު، ފެހި ސަރަހައްދު ތަކެއް ނުވަތަ އެކަށީގެންވާ ފެހިސަރަހައްދެއް ކަނޑައެޅުމުން ހޫނު މަޑުކޮށްދެއެވެ.

ދެންމެ ތިޔަ ބުނި ވާހަކަ އަހަރެންނަށް އިވިއްޖެއެވެ. ތިޔަބުނީ ޕާކްހެދިމާ ދިރިއުޅޭނީ ކިހިނަކުންހެއްޔޭއެވެ؟ ބުނަންހެއްޔެވެ؟ ރަށްތައް ބިނާކުރަނީ ދިރިއުޅޭށެވެ. ގަނަތެޅޭކަށް ނޫނެވެ. ހުސްޖާގައެއްނެތް،  ތޮއްޖެހިފައިވާ ރަށްރަށުގެ މީހުންނަށް ދިރިއުޅުމާއި ގަނަތެޅުން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޕާކުތައް ނުހަދައި، މުޅި ރަށުގައި އިމާރާތްކޮށް، އާބާދީ އިތުރުކުރުމުން ވިޔަފާރި ރަނގަޅުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެކަމަށް ގަބޫލުކުރާ ވިސްނުމަކީ އިންސާނާ އެއްފަރާތްކޮށް، ހަމައެކަނި މާއްދިއްޔަތަށް (މުދަލަށް) ފޯކަސްކުރާ ވިސްނުމެކެވެ. އެއީ މިޒަމާނުގެ ވިސްނުމެއް ނޫނެވެ. އެއީ ފެއިލްވެފައިވާ ވިސްނުމެކެވެ. ގަބޫލުކުރަންވީ ކޮންމެ ރަށެއްގައިވެސް ދުޅަހެޔޮކޮށް މީހުން އާބާދުކުރެވޭނީ ވަކިވަރަކަށް ކަމަށެވެ. އެގޮތް ކިތަންމެ ބޭނުން ނުވިޔަސް، އެކަން އޮންނާނީ އެގޮތަށެވެ.

ހިޔާލަށް ގެންނާށެވެ. ރަށުގައި ފުރެންދެން ހުރީ އުސް އިމާރާތްތަކެވެ. އިމާރާތްތަކުގައި ދިރިއުޅޭ މީހުން ބިންމައްޗަށް ފައިބާނެއެވެ. އެމީހުން އެކަކު އަނެކަކާއި ވާހަކަދައްކާލަން، ދާނީ ކޮންތާކަށް ހެއްޔެވެ؟ ހޮޓަލަކަށް ނޫނީ ކެފޭއަކަށް ހެއްޔެވެ؟ މިހާރު އަހަރެމެން ކަންތައް މިކުރާގޮތަށް ކެފޭއަކަށް ގޮސް، ކޮފީއަކަށް އޯޑަރުދީފައި ވާހަކަ ދައްކާލާފައި، މޭޒު ހުސްކުރަން ވެއިޓަރު ބުނުމުގެ ކުރިން ބިލުދައްކާފައި، ގެއަށްް އަންނާނީ ހެއްޔެވެ؟ ބޭނުންވަނީ އެކަކު އަނެކަކާއި ބައްދަލުކުރުންވެސް އެއީ ފައިސާގެ ބިލެއް، ދައްކަންޖެހޭ ކަމެއްގެ ގޮތުގައި އޮންނަން ހެއްޔެވެ؟ ނޫނީ، ބޭނުންވާ ގޮތަކީ ޕާކުގައިހުރި ހިޔާދޭ ގަސްތަކުގެ ދަށުގައި އިނދެ، ނޫނި ހޮޅުއަށްޓެއްގައި ހާސްކަމެއްނެތި އޮވެ، ރައްޓެހިންނާއި ވާހަކަދައްކާލާފައި ގެއަށް އަންނަންހެއްޔެވެ؟ ޕާކުތަކަކީ، ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށްދީ އެކަކު އަނެކަކާއި ބައްދަލުވެ، މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ ތަންތަނެވެ. އެކުވެރިކަން އާލާކޮށްދޭ ތަންތަނެވެ.

ޕާކުތަކާއި ގުޅުވައިގެން މިވާހަކަ ބުނީމާ، ގަބޫލުކުރަން އަދި މާބޮޑަށް ދަތިވެދާނެއެވެ. ނަމަވެސް ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި ޕާކުތަކުގެ ސަބަބުން މުޖުތަމައުގައި ކުށްކުރާ ރޭޓްވެސް ދަށްވެއެވެ. ސަބަބަކީ ވަރަށް ގިނަފަހަރަށް، ރަނގަޅަށް ޕްލޭންކޮށްގެން ހަދާފައިހުންނަ ޕާކުތަކަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެވެސް ތަންތަނެވެ.

ގަސްގަހާގެހި ގިނަ ޕާކްތަކުގެ ސަބަބުން ވައި ސާފުކޮށްދެއެވެ. ވައި ނުސާފުވުމަކި ބައެއް ވައްތަރުގެ ކެންސަރު އިތުރުވާކަމެކެވެ. މީގެ އިތުރަށް ނުސާފުވައިގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެއެވެ. ނުސާފުވައިގެ ސަބަބުން، ކުޑަކުދިންނަށް ނުރަނގަޅު އަސަރުކުރެއެވެ. ވީމާ، ފެހިކަންގަދަ ޕާކެއް ރަށަށް ބޭނުމެއް ނުވޭހެއްޔެވެ؟

ޕާކުތަކަކީ ހެލިފެލިވެއުޅުން އިތުރުކޮށްދޭ ތަންތަނަށްވުމުން ޖިސްމާނީގޮތުން މީހުން ދުޅަހެޔޮކޮށްދެއެވެ. އަނެއްކޮޅުން ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ސަބަބަކަށް ޕާކުތައްވެއެވެ. އާބަން ސިޓީތަކުގައި ދިރިއުޅުން ހުންނަގޮތުން އެކަނިވެރިކަމާއި، ހާސްކަމާއި މާޔޫސްކަމަކީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލަތަކެވެ. މީހުން އެއްވެ އުޅޭ ޕާކްތައް ހުރުމުން މިފަދަ ކަންކަމުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

ބޮޑެތި މީހުންނެކޭ އެއްގޮތަށް ކުޑަކުދިންނަށްވެސް ޕާކުތަކަކީ ވަރަށް ފައިދާކުރާ ތަންތަނެވެ. ދަރިން ގޮވައިގެން ޕާކަށްދިޔުމުން ދަރިންނާއި މައިންބަފައިންނާއި އޮންނަގުޅުން ރަނގަޅުވެއެވެ. ޕާކުތަކަކީ ޠޮބީޢީ ވެއްޓާއިބެހޭ އެތައް މައުލޫމާތެއް ކުދިންނަށް ދަސްވާ ތަނެކެވެ. ‘ޕްލާސްޓިކް ޕާކް’ ތަކާއި ހިލާފަށް، ގުދުރަތީ މާހައުލުގައި ކުޅެންއުޅުމުގެ ފުރުސަތު ލިބުމުން، ކުދިންގެ ނަފުސާނީ އަދި ޖިސްމާނީ ސިއްހަތު ރަނގަޅުވެއެވެ.

ޠޮބީޢީ ނުވަތަ ނެޗުރަލް ޕާކުތަކުގެ ފައިދާއަކީ ދައްކައި ކޮޅުންލާން އޮތް ވާހަކައެއްނޫނެވެ. ވަގުތު ފާއިތުވުމުގެ ކުރިން މިފަދަ ޕާކެއް ތަރައްގީކުރަންޖެހެއެވެ. އެކަމަށް އޮތް އެންމެ އެކަށީގެންވާ ސަރަހައްދަކީ ކުޅުދުއްފުށިގެ ކުޅި އޮތް ސަރަހައްދެވެ. ސަބަބަކީ އެ ސަރަހައްދަކީ އެތަން ހިއްކިކަމަށް ވިޔަސް، މިރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް މާބޮޑު ލުޔެއް ލިބޭނެ ތަނަކަށް މިހާރު ނުވެފައި، ބޭކާރުކޮށް، ނުތާހިރުކޮށް ބާއްވަންޖެހޭތަނަކަށް އެތަން ނުވާތީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355