twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޮންމެ ރައްޔިތެއްގެ ހައްގުގައިވެސް ވަކާލާތުކުރެވޭނެ، ހުންނާނީ ތެދުވެރި މެމްބަރެއްގެ ގޮތުގައި: ޔާސިރު

Mar 11, 2019

ވަކިކަމެއް ހާސިލުކުރަން މިހާތަނަށްވެސް ދޮގެއް ހަދާފައިނުވާނެ ކަމަށާއި ތެދުވެރިކަމުގައި ސިފަޔަކީ އެބޭފުޅާގެ ގައިގައި ހުންނަ ސިފައެއްކަމަށް ވިދާޅުވެ ސިޔާސީ ބޭނުމަށްވެސް ވަކި ކަމެއް ހާސިލުކުރަން ރައްޔިތުންނަށް ދޮގު ނަހަދާނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށްގެންދާ މަޖްލިސް ބަހުސްގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ބޭނުންވާނެ އެންމެ މުހިންމު ސިފަޔަކީ އަޑުއެހުމާއި އަޑުއިއްވުމުގެ ގާބިލުކަން ކަމާއި ތެދުވެރިކަމުގެ ސިފަ ކަމަށެވެ. އެ ސިފަތައް އޭނާގެ ގައިގައި ޔަގީނުންވެސް ހުރިކަމަށް ވިދާޅުވި އެވެ. ކަންކަން ހާސިލްކުރުމަށް ދޮގު ހެދުމުން އެއްކިބާވާން ޖެހޭކަމަށް ޔާސިރު ވިދާޅުވި އެވެ.

އިޖުތިމާއީ ދާއިރާގައި ގިނަ ހިދުމަތްތަކެއްކޮށްފައިވާ އަދި ދާދީ ފަހުން ސިޔާސީ ދާއިރާއަށް ވަތް ޔާސިރު ވިދާޅުވީ ސިޔާސީ ދާއިރާއަށް މިނުކުތީ ކުޅުދުއްފުށީގެ ހާލަތު ބަދަލުކޮށް، މިހާލަތުން ވީލުމަށްޓަކާ ކަމަށާއި ކުޅުދުއްފުށީ ހަގީގަތުގައިވެސް އަލުން ކުޅުދުއްފުއްޓަކަށް ހަދަން ވެގެން ކަމަށެވެ.

“ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ބޭފުޅުންނަށް މިދަންނަވާލަނީ ވަރަށް ފަޙުރުވެރިކަމާއެކީ ތިޔަ ބޭފުޅުންގެ ހައްގުގައި އަޅުގަނޑަށް ކޮންމެ ބަހެއްވެސް ބުނެވޭނެ. އަޅުގަނޑަކީ ވަކި މީހެއްގެ ބަހަކަށް ހެއްލޭނެ މީހެއް ނޫނޭ. ހެއްލެން ޖެހޭނެވެސް މީހެއް ނޫން. އެފަދަ ގޮތަކަށް ނޫން އަޅުގަނޑު މަޖިލީހަށް ވަންނާނީއެއް. އަޅުގަނޑު މަޖިލީހަށް ވަންނާނީ ތިޔަ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގަ.” ޔާސިރު ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެތަކެއް އާއިލާތަކެއް އެއް ގެއެއްގައި އުޅެން ޖެހިފައިވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރައްވަމުން ޔާސިރު ވިދާޅުވީ ބޯހިޔާވަހިކަމަށް ހައްލު ގެންނާނެ ކަމަށެވެ.

“އަޅުގަނޑުމެން  ބޯހިޔާވަހިކަމަށް ހައްލު ގެނެސްދޭނަން. އަޅުގަނޑަކީ މިސަރުކާރުގެ ކެންޑިޑޭޓެއް. ދާދި އަވަހަށް އެކަމަށް ހައްލު ލިބިގެންދާނެ. މިހާރުވެސް އެޖެންޑާ 19 ގެ ތެރެއިން ވާނީ މަޖިލީހަށް ބޯހިޔާވަހިކަމުގެ ބިލެއް ވައްދަން ބިލެއް ތައްޔާރުކޮށްފަ  ބޯހިޔާވަހިކަން ފޯރުކޮށްދޭން ގާނޫނަކުން ލާޒިމްކޮށްދޭނަން.” ކަސްޓަމްސްގެ ސުޕްރިންޑެންޓެއްގެ މަގާމުގައި ހުރުމަށްފަހު ސިޔާސީ ދާއިރާއަށް ނިކުތް ޔާސިރު ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާ ބިލްތަކަށް ފިލާ ބަޔަކަށް ވެގެންނުވާނެ ކަމަށާއި މަސައްކަތް ކުރަން ޖެހޭނީ ސަރުކާރާ ގާތުން ކަންކަން ކުރުމަށް ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355