ދޮށީ އުމުރަށް ދިއުމުން މައިންބަފައިން އެންމެ ބޭނުންވާނީ ކައިރީގައި ހިދުމަތް ކޮށްދޭން ހުންނާނެ ބިދޭސީއެއް ނޫންކަމަށާއި އެ އުމުރުގައި އެންމެ ބޭނުންވާނީ ދަރިންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަންފާ ސެންޓަރަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭޖް ކެއަރ މޯލްޑިވްސް ގެ ނަމުގައި މިހާރު ހިންގަވާ އެ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވެވި ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ މުސްކުޅިވި ދުވަހު ލޯބިދީ އަޅައިލާނޭ ދަރިން ކައިރީގައި ނެތުމުގެ ހިތްދަތި އިހްސާސްކުރަންޖެހި އެމީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތައް ކަމުގައެވެ.
މިކަމާމެދު ވިސްނައި މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާނުލައި ކޮންމެ މީހެއްގެ ވެސް ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ނަސޭހަތްތެރި ވިއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދު ތަރައްގީގެ ގޮތުގައި މިފެންނަ ކޮންމެ ކަމަކީ އުމުރުން ދުވަސްވީ ބޭފުޅުންގެ ގައުމީ ހިދުމަތުގެ މަލަތައްކަމުގައެވެ. އެހެންކަމުން އެ މީހުންގެ ހިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރަން ޖެހޭނެކަމަށާއި އަބަދުވެސް އެމީހުންނަށް އިހްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ހުރިހާ އުމުރެއްގެ މީހުން ވެސް ދޮށީ އުމުރުގެ މީހުންނަށް އަޅާލައި އެ މީހުންނަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފުރުސަތު ފަހިކޮށްދިނުމާއެކު އަމާން މާހައުލެއް މުޖުތަމައުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަންފާ ސެންޓަރުގެ ފައުންޑާ މެންބަރުން ކަމުގައިވާ ޑޮކްޓަރ އާމިނަތު ޖަމީލާއި ފިރިކަލުން މުހައްމަދު އިސްމާއިލް އަށާއި މަރުކަޒުގެ އިސް ވެރިންނަށާއި މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މެދު ނުކެނޑި 15 އަހަރު ހިދުމަތް ދިނުމަކީ ކާމިޔާބީއެއްކަމުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ހިދުމަތްކުރައްވާފައިވާ މަންފާގެ މެންބަރުންނަށާއި ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހަނދާނީ ފިލާ ދެއްވިއެވެ.
މަންފާ ސެންޓަރަކީ ދޮށީ އުމުރުގެ މީހުންނަށް އެ މީހުންގެ އުމުރާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ. ދޮށީ އުމުރުގެ ދުވަސްތައް ގުނަމުންދާއިރު އުފާވެރި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކުރުމަކީ މި މަރުކަޒުގެ އެންމެ މުހިންމު އެއް މަގުސަދެވެ.