ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ލަންކާ ސިއެރާ ކުންފުނީގެ ބައެއްމުދާ ނުގެންގޮސް ބަނދަރުމަތީގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއްވަމުންދާކަމަށް ބައެއް ރައްޔިތުން ބުނެފި އެވެ.
ނަންހާމަ ކުރުމަށް ނޭދޭ ރައްޔިތަކު ކޭއޯއަށް މަޢުލޫމާތު ދެމުން ބުނީ ކުޅުދުއްފުށީ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރި ސަބްކޮންޓްރެކްޓަރެއްކަމަށްވާ ލަންކާގެ ސިއެރާ ކުންފުނީގެ ބައެއްމުދާ ކުޅުދުއްފުށީގެ މޫނުމަތިކަމަށްވާ ބަނދަރުމަތީގައި ނުގެންގޮސް ބަހައްޓާފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަހުރިކަމަށާއި އެތަކެތި އެތާހުރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވަމުންދާކަމަށް އެމީހާ ބުންޏެވެ.
"ސިއެރާ ކޮމްޕެނީގެ މަގުހެދުމުގެ މަސައްކަތް ނިންމިފަހުން ދުވަސްތަކެއްވެއްޖެ. ލަންކާ މީހުންވެސް އަދި ވެހިކަލެއްވެސް ނެތް. ހަމައެކަނި ފެންނަން އޮތީ ކުޅުދުއްފުށީ ބަނދަރުމައްޗަށް ރައްޔިތުން އުނދަގޫވާގޮތަށް ހަލާކުވެގެން ނުގެންދަން އެމީހުން ބަހައްޓާފައިހުރި ޓޭންކަކާއި ޖަނަރޭޓަރަކާއި ވެހިކަލެއް. އެތަކެއްޗަކީ އެކުންފުނީގެ މުވައްޒަފުންނާ ވެހިކަލް ބޭނުންކޮށްގެން ބާލާފައިވާ ތަކެތި." އެމީހާ ބުންޏެވެ.
އެމީހާ އިތުރަށް ބުނީ އެތަކެއްޗަކީ ކޮންމެ ދުވަހަކު އެތައް ރައްޔިތުން ނެއް ލަފާ ފުރާ ހިދުމަތް ހޯދަމުންދާ ބަނދަރެއްގެ މޫނުމަތީ ބެހެއްޓިގެންވާނެ އެއްޗެއްސެއްނޫން ކަމަށާއި ގޭގެ ފާރުބުޑުގައި މާގަހެއް ހުރެގެން އެނަގަން އަންގައި އުސޫލުން މިތަކެތިވެސް ނަގަން ކައުންސިލުން އެންގެން ޖެހޭނެ ކަމަށެވެ.
މި ޝަކުވާތަކާ ގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ސިއެރާ ކޮމްޕެނީގެ މަސައްކަތްތައް ބަލަމުން ގެންދިޔައީ އެމްއާރުޑީސީން ކަމަށާއި މިހާރު ބަނދަރުމަތީގައި އެހުރީ ކޮން ބައެއްގެ އެއްޗެއްސެއްތޯބަލަމުންދާކަމަށާއި އެތަކެއްޗާއި ބެހޭ މަޢުލޫމާތެއް އެއްވެސް ފަރާތްތަކުން ކައުންސިލަށް އަންގާފައިނުވާކަމަށެވެ.
"ރަސްމީކޮށް ތަކެއްޗާއި ބެހޭ މަޢުލޫމާތެއް އަންގާފައެއްނެތް ބަލަމުން މިގެންދަނީ ކިހެނެތްވެފައިހުރި ކޮންބައެއްގެ ކޮންއެއްޗެއްސެއްތޯ އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ ސިއެރާއިން ބަހައްޓާފައި ހުރި އެއްޗެއްކަމުގައި ވިޔަސް އެމްއާރުޑީސީ ސައިޓަށް އެއްޗެއްހިގެންދަން." ރައީސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީގޮތުގައި، ހާއްސަކޮށް ހަނިމަގުތަކުގައި ބާވެ ހަލާކުވެގެން ދޫކޮށްލެވިފައިވާ ވެހިކަލުތައްވެސް ނަގައި އެއެއްޗެއްގެ ގަރާޖަށް ވެއްދުމަށް އެންގުމަށް އާއްމު އިޢުލާނެއް ކުރަން މިހާރު ކައުންސިލުން ނިންމާފައިވާ ކަމަށެވެ.