ރޯދައަށް އެސްޓީއޯއިން ކުޅުދުއްފުއްޓަށް އެތެރެކުރި ފިޔާ، އަލުވި އަދި ބިސް ބާޒާރަށް ނެރެފި އެވެ.
ހެޔޮއަގުގައި މިތަކެތި ވިއްކަން ފަށާފައިވާއިރު ފިޔާ ބަސްތާއެއް އުޅެނީ 150ރ އަށެވެ. އަދި ބިސް ކޭހެއް 300ރ އަށް ވިއްކާއިރު އަލުވި ބަސްތާއެއް އުޅެނީ 200ރ އަށެވެ.
އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިތަކެތި ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯ ފިހާރައިން މިއަދުން ފެށިގެން ވިއްކަމުންދާ ކަމަށާއި ތަކެތި ވިއްކަމުންދަނީ ރީޓެއިލްކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ކަސްޓަމަރަކަށް ފަހަރަކު ދޫކުރަމުން ގެންދަނީ ވައްތަރުން އައިޓަމެއް ކަމަށެވެ.
ތިނެއްގެ ފަހުން އަންނަ އޯޑަރުތަކަށް ޑެލިވަރީ ނުކޮށްދޭނެއިރު ހަވީރު 6 ޖަހަންދެން ފިހާރަ ހުންނާނީ ހުޅުވާފަ އެވެ. އަދި ރޭގަނޑު 8:15 - 10:00 އަށް ހުޅުވާފައިހުންނާނެކަމަށް އެސްޓީއޯއިން ބުނެ އެވެ.
ރޯދައަށް އަގުހެޔޮކޮށް ވިއްކުމަށް އެސްޓީއޯއިން ގެނައި މި ޝިޕްމެންޓް ގެނެސްފައިވަނީ ސީދާ އިންޑިޔާއިން ކުޅުދުއްފުށީ ޕޯޓަށެވެ. މިސަރަހައްދުގެ ރައްޔިތުންނަށް ވިއްކުމަށް ގެނައި މިތަކެތި މާލޭގައި އެސްޓީއޯއިން ވިއްކަމުންދާ އަގާ ތަފާތުކަން ފާހަގަކުރެވެ އެވެ.
އެގޮތުން އެސްޓީއޯ އިން މާލޭގައި ފިޔާ ބަސްތާއެއް ވިއްކަމުންދަނީ 140ރ އަށެވެ. އަލުވި ބަސްތާއެއްގެ 180 އަށް ވިއްކަމުންދާއިރު ބިސް ކޭހެއް ވިއްކަމުންދަނީ 275ރ އަށެވެ.
މިއަހަރު މިތަކެތި ކުޅުދުއްފުއްޓަށް ގެނެސް ބާޒާރަށް ނެރުން ލަސްވެގެން ގިނަ ބައެއް ވަނީ ޝަކުވާކޮށްފަ އެވެ. ކޮންމެ އަހަރަކު އެސްޓީއޯއިން އަންނަނީ މިތަކެތި އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.