twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި އެމްއެފްއެލްސީގެ އޮފީހެއް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
May 10, 2019
3

މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ. މި އޮފީހަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަކޮށް ހިދުމަތް ދިނުމަށް އެކުންފުނިން ހުޅުވި އޮފީހެކެވެ.

ރާއްޖޭގައި ހަމައެކަނި ލީސިން ހިދުމަތްދޭ އެމްއެފްއެލްސީގެ މި ބުރާންޗް ހުޅުވައިދެއްވީ އެކަމަށްޓަކާ މިރޭ ކުޅުދުއްފުށީގައި ބޭއްވި ހަފްލާއެއްގައި 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަންނަވާފައިވާ ކުޅުދުއްފުށީގެ ދެ ދާއިރާގެ މެމްބަރުންނެވެ.

އަފީފުއްދީން ސްކޫލް ހޯލުގެ ގޭޓް ކުރިމައްޗަށްވާ ގޮތަށް ހުރި މި އޮފީހުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގަންނަވާފައިވާ ޔާސިރު އަބުދުލް ލަތީފް ވިދާޅުވީ ލީސިންގެ މި ހިދުމަތްތަކީ މިސަރަހައްދަށް ވަރަށް މުހިންމު ބޭނުންތެރި ހިދުމަތެއް ކަމަށާއި މިކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށްދީ ވީހާވެސް ގިނަ ރައްޔިތުން ލީސިންނަށް އަހުލުވެރިކުރުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެމްއެފްއެލްސީއަކީ ކުރެޑިޓަކަށް މުދާ ދޫކުރާ ރާއްޖޭގެ ހަމައެކަނި ކޮމްޕެނީ އެވެ. އެމްއެފްއެލްސީ މިހާރުވެސް ހަތަރު ސްކީމެއް ތައާރަފްކޮށްފައިވާއިރު މި ހިދުމަތްތަކީ ރައްޔިތުންނާ ވަރަށް ގުޅުން ހުރި ހިދުމަތްތަކެއް ކަން ފާހަގަކުރެވެ އެވެ.

އެގޮތުން "ހިޔާ ފަސޭހަ" ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަކަމާއެކު މުދާ ލިބޭނެ ސްކީމެކެވެ. މޮޓޯ ސައިކަލް ލީސިން ސްކީމަކާއި ލައިފް ސްޓައިލް ލީސިން އަދި ޑައިރެކް ލީސިން ސްކީމް ހިމެނެ އެވެ.

ލައިފް ސްޓައިލް ލީސިންގެ ތެރެއިން މޯބައިލް ފޯނާއި ގޭގައި ބޭނުންކުރާ ސޯފާއިން ފެށިގެން ތަފާތު އެކި މުދާ ނެގޭނެ އެވެ. ޑައިރެކްޓް ލީސިންގެ ތެރެއިން ކޮންމެ ތަނެއްގައި ވަޒީފާއަދާކުރާ މީހަކަށްވެސް މުދާ ނެގޭނެ އެވެ.

އެމްއެފްއެލްސީގެ މި އައުޓް ލެޓަކީ އެކުންފުނީގެ ތިންވަނައަށް ހުޅުވި އައުޓްލެޓެވެ. ހުޅުމާލޭގެ އިތުރުން ދެކުނުން އައްޑޫގައި ހުޅުވާފައިވާއިރު އުތުރުން އެކުންފުނީގެ އޮފީސް މި ހުޅުވީ ކުޅުދުއްފުށީގައި އެވެ. ހުޅުވުމުގައި ހަފްލާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މުވައްޒަފުން ވިދާޅުވީ މިއީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އެކުންފުނީގެ ހިދުމަތްތައް ގާތުން ދިނުމުގެ ގޮތުން ހުޅުވި އޮފީހެއް ކަމަށާއި ހއ، ހދ އަދި ށ އަތޮޅުގެ ރައްޔިތުންނަށް މި އޮފީސް މެދުވެރިކޮށް މުދާ ލިބޭނެ ކަމަށެވެ.

މިހަފްލާގައި އެމްއެފްއެލްސީގެ ވެރިންނާއި މުވައްޒަފުން އަދި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355