އަންނަ ޖުލައި މަހު ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އެއްކޮށްނިންމާ އާންމު ދަތުރުތައް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޒުހައިރު ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މިހާރު ކުރިއަށްދަނީ ޓަރމިނަލް ހެދުމުގެ އެންމެ ފަހުގެ މަސައްކަތް ކަމަށާއި މިމަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް މުޅިން ނިމޭނެކަމަށެވެ. އަދި އެއާއެކު ޖުލައި މަހު ކުޅުދުއްފުށީ އެއަރޕޯޓަށް އާންމު ދަތުރުތައް ފަށާނެކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މި އަހަރުގެ ތެރޭގައި އިތުރު 4 އެއާޕޯޓެއްގެ މަސައްކަތް ނިންމާ ހިދުމަތް ފަށާނެ ކަމަށާއި އެގޮތުން މިހާރު މަސައްކަތް ކުރިއަށްދާ އެއަރޕޯޓްތަކުގެ ތެރެއިން ތިން އެއަރޕޯޓްގެ ހިދުމަތް މިއަހަރުގެ ތިންވަނަ ކުއަރޓަރގައި ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން މި އަހަރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެއާޕޯޓްތަކަކީ ށ ފުނަދޫ އެއާޕޯޓް، ނ މާފަރު އެއާޕޯޓް، ގދ މާވަރުލު އެއާޕޯޓް އަދި ޅ މަޑިވަރު އެއާޕޯޓް އެވެ.
މީގެއިތުރުން ށ.ފުނަދުއާއި، ނ.މާފަރު އެއާޕޯޓުގެ މަސައްކަތް ނިންމައި މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އާންމު ދަތުރުތައް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.
ކުޅުދުއްފުށީ އެއާޕޯޓްގައި ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކުއެވެ. މިއެއާޕޯޓް މިދިޔަ އަހަރު ހުޅުވި ނަމަވެސް ބޭނުންވާ ވަސީލަތްތައް ހަމަނުވުމުގެ ސަބަބުން އާންމު ދަތުރުތައް މިހާތަނަށް ފެށިފައެއް ނުވެއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުތެރޭގައި ރައީސް ސޯލިހް ކުޅުދުއްފުއްޓަށް ވަޑައިގެން އެއާޕޯޓް ސަރަހައްދު ބައްލަވާލެއްވުމަށްފަހު ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާލުމަށް މަސައްކަތް ކުރަންވަމުން ދާކަމަށް ވަނީ ވިދާޅުވެ އެވެ. އެގޮތުން މި އަހަރުގެ ބޮޑު އީދަށް މަސައްކަތް ނިންމޭނެކަމަށް ލަފާކުރައްވާކަމަށްވެސް ރައީސް އޮފީހުން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.