- ދިއްދޫ، ހަނިމާދު، ނޮޅިވަރަންފަރު އަދި ކުޅުދުއްފުއްޓަށް ދަތުރުކުރާނެ
- 47 މީހުންގެ ޖާގައިގެ ލޯންޗު ފެރީއެއް
އެމްޓީސީސީން އުތުރުގެ ބައެއް ރަށްތަކުގައި ދެމުންގެންދާ ސްޕީޑް ލޯންޗު ފެރީގެ ހިދުމަތަށް ހދ ނޮޅިވަރަންފަރު އިތުރުކޮށްފި އެވެ.
ނޯތް ފެރީގެ ނަމުގައި މިދިޔަ އޭފްރީލްމަހު ދޭން ފެށި މި ލޯންޗު ފެރީގެ ހިދުމަތް މިހާރު ދެމުންދަނީ ހއ ދިއްދޫން ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ.
އެކަމަކު އަންނަމަހު ފުރަތަމަ ދުވަހުން ފެށިގެން މިފެރީ ރޫޓަށް ނޮޅިވަރަންފަރު އިތުރުކޮށް މިހާރު ވަނީ ޝެޑިއުލްވެސް އާންމުކޮށްފަ އެވެ. އެމްޓީސީސީ އޮފިޝަލަކު ކޭއޯއަށް ކުރިން ވިދާޅުވެފައިވަނީ ދަތުރުތައް ފެށުމަށްފަހު އިތުރު ރަށްތަކަށް ލޯންޗު ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ.
ޖޫންމަހު އެއްވަނަ ދުވަހުން ފެށިގެން ނޮޅިވަރަންފަރަށް ލޯންޗު ފެރީގެ ހިދުމަތް ދޭން ތައްޔާރުވެފައިވާއިރު އިތުރު ރަށްތަކަށް އެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
ހުކުރުދުވަސް ފިޔަވާ ހަފުތާގެ ހުރިހާ ދުވަހު ކުރާ ގޮތަށް ޝެޑިއުލްކޮށްފައިވާ މި ލޯންޗު ފެރީ ދަތުރު ފަށަނީ ހެނދުނު 6:30 ދިއްދޫން ނެވެ. އެއަށް ފަހު ހަނިމާދޫން މީހުން ނަގައިގެން ނޮޅިވަރަންފަރުން ކުޅުދުއްފުއްޓަށެވެ.
މި ރޫޓްގައި ފުރަތަމަ ދަތުރު ކުޅުދުއްފުއްޓަށް ނިމޭނީ ހެނދުނު 7:45 އަށެވެ. އަނެއްކާވެސް ކުޅުދުއްފުށިން ހެނދުނު 8 ޖަހާއިރު ދަތުރުތައް ހަމަ އެ ރޫޓުން ފެށޭނެ އެވެ. އެއްގޮތަށް ކޮންމެ ދުވަހަކު ހަތަރު ބުރު ޖަހާނެ އެވެ.
47 މީހުންގެ ޖާގައިގެ އޭސީ މި ލޯންޗު ފެރީގެ ޓިކެޓް އުޅެނީ 250-150ރ އަށެވެ.