ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން، ޓީމް ބޮއި ބައި މިލައިދޫ އިން ކާމިޔާބުކޮށްފި އެވެ.
އޫރިދޫ މަސްރޭސް މި އަހަރުގެ ޗެމްޕިއަންކަން ހޯދި ޓީމް ބޮއި ބައި މިލައިދޫ އަށް ވަނީ 50000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ. އަދި މި ފައިސާ ޗެމްޕަން ޓީމުން ވަނީ ކުޑަކުދިން ހިޔާއަށް ހަދިޔާކޮށްފައެވެ.
ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ މެން، ސްޓެލްކޯ ވިމަން، އަދި ޓީމް ވެލައްސަރާއި ވާދަކޮށް، މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓިމާއި، އެންމެ މޮޅު މަސްވެރިން ވަނީ ހޮވާފައެވެ. އެގޮތުން އެންމެ ބަރުމަސް ބޭނި ކެޔޮޅަކަށް ހޮވިފައިވަނީ 7.2 ކިލޯގެ މަހެއް ބާނައިގެން ޓީމް ވެލައްސަރުގެ އަމީން އެވެ. މުބާރާތުގެ ފިރިހެން މަސްވެރިޔަކަަށް ދިވެހި ސިފައިގެ ކުލަބުގެ ޝިޔާޒް ހޮވިފައިވާއިރު މުބާރާތުގެ އަންހެން މަސްވެރިޔަކަށް ސްޓެލްކޯ ވިމެންސް ޓީމްގެ އަމީނާ ވަނީ ހޮވިފައެވެ. މިކޮންމެ ބައިވެރިޔަކަށް އިނާމުގެ ގޮތުގައި 5000 ރުފިޔާ ވަނީ ލިބިފައެވެ.
މޮޅުވި ޓީމް ބޮއި އަށް 539.65 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ ސްޓެލްކޯ މެންސް ޓީމަށް ލިބިފައިވަނީ 205.85 ޕޮއިންޓެވެ. އަދި ތިންވަނަ ހޯދާފައިވާ ސްޓެލްކޯ ވިމަންސް ޓީމަށް ލިބިފައިވަނީ 95.25 ޕޮއިންޓެވެ.
ފިތުރު އީދު ފާހަގަކޮށް ކުރިއަށްގެންގޮސްފައިވާ އުރީދޫ މަސްރޭހުގެ ގްރޭންޑް ފައިނަލްގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު؛ ވީޓީވީގެ ސީއީއޯ މުހައްމަދު އާސިފް އަދި އުރީދޫ މޯލްޑިވްސްގެ އެކްޒެކެޓިވް މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައެވެ.
އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވި ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމުގެ އަމާޒާއި އެކު ކުރިއަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން ވެގެން ދިޔައީ ވަރަށްވެސް ކާމިޔާބު މުބާރާތަކަށް ކަމަށެވެ. އަދި މި މުބާރާތުގެ ފޯރި އިތުރުކޮށްދެއްވި މަސްރޭހުގެ އެންމެހާ ބައިވެރިންނާއި ސަޕޯޓަރުންނަށް ވަރަށް ހާއްސަ ސުކުރެއް ދަންނަވާފައެވެ. ހަމައެހެންމެ އުރީދޫ މަސްރޭސް 2019 ގެ ޗެމްޕިއަން ޓީމް ކަމަށްވާ ޓީމް ބޮއި އަށް އަދި އިތުރު ވަނަތައް ކާމިޔާބު ކުރި އެންމެހާ މަސްވެރިންނަށް މަރުޙަބާ ކިއާފައެވެ.
ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭ، ޖުމްލަ 16 ޓީމެއް މިއަހަރުގެ މަސްރޭހުގައި ވާދަކުރިއެވެ. މިގޮތުން، މަސްރޭހުގެ ދިހަ ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން އަންހެން ޓީމްތަކަށް ހާއްސަ ބުރެއްވެސް މިފަހަރު ބޭއްވިގެންދިޔައެވެ.