ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވު ވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އެސިސްޓަންޓް ޑިރެކްޓަރ ހުސައިން ފައިސަލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ކަމާގުޅުންހުރި ފަރާތްތައް ރާއްޖެ ވަޑައިގެން ފުރަތަމަ ބައްދަލުވުން އޭޕްރީލް މަހުގެ ތެރޭގައި ބާއްވާފައިވާ ކަމަށެވެ.
މި ޒިޔާރަތުގައި ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީގެ އިތުރުން ދަނޑުވެރިކަމާއި ގުޅުންހުރި އެހެން ވުޒާރާތަކާއި މަޝްވަރާކޮށް ރާއްޖޭގެ ދަނޑުވެރިކަމުގެ މިހާރުގެ ހާލަތާއި އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުވުމަށް ވަނީ ދަނޑުވެރިކަމުގެ ސާރވޭއެއް ކޮށްފަ އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އަންނަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުންފުންޏެއް އުފައްދަންވެސް ތައްޔާރުވަމުންނެވެ. ދަނޑުވެރިކަމުގެ ކުންފުންޏެއް އުފެއްދުމަކީ ސަރުކާރުގެ ޕޮލިސީތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި އިންޑިއާއާއިއެކު ވަނީ 4 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އިންޑިއާއާއިއެކު ވެފައިވާ އެއްބަސްވުމެވެ.