އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަން އައްޑޫގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. މި އިވެންޓްގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް http://ore.do/colorrun މެދުވެރިކޮށެވެ.
6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭ އިވެންޓެކެވެ.
އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ ޖޮގްކޮށްފަ ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ކަލަރ ރަން އައްޑޫގެ ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ކަލަރ ރަން އައްޑޫ ޓީޝާޓް ހިމެނޭ އިރު އަގަކީ 85 ރުފިޔާއެވެ. 150 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ކަލަރ ރަން އައްޑޫ ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ކަރުދާސް ތޮތްޕަކާއި ފޮތި ދަބަހެއް ހިމެނިފައިވާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އަންނަ މަހު 28 ގައި އައްޑޫގައި ކަލާ ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެންނެވެ. މިފަހަރުގެ ކަލަރ ރަންގައިވެސް އިވެންޓް އޯގަނައިޒަރ އަކީ ޔުނިކްސް ސްޕޯޓިންގ އެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ސައުގުވެރިވާ ބޭފުޅުން އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް އުރީދޫ ކަލަރ ރަން އައްޑޫ ގައި ބައިވެރިވުމަށް އުރީދޫ އިން ދައުވަތު އަރުވައެވެ.