ކުޅުދުއްފުށީގައި ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފި އެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ދެ ނަމާދު ދޭތެރޭ ޒަޔާން މާރޓް ފިހާރަ ފަޅާލައި ވައްކަންކުރީ މިދިޔަ މަހުގެ ތެރޭގައި އެވެ.
އެކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ދެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އެއީ 32 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. ކޭއޯއަށް އެނގިފައިވާގޮތުގައި ބަންދުގެ މުއްދަތު ޖެހުމަށް ފުރަތަމަ ގެންދިޔުމުން 32 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް އަދި 30 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖެހި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުޅުދުއްފުށީ ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު މިމަހު 10 ވަނަ ދުވަހު ކުޅުދުއްފުށީ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެމީހާ ދޫކޮށްލީ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ކަމަށެވެ.
30 އަހަރުގެ މީހާ ވަނީ މުއްދަތު ޖެހުމަށް ފުރަތަމަ ދުވަހު ކޯޓަށް ގެންދިޔުމުން ވައްކަން ކުރިކަމަށްވެސް ކޯޓްގައި އިއުތިރާފުވެފަ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އެމީހާ ގެންދިޔުމުން ވަނީ މުއްދަތު އިތުރުކޮށްނުކޮށްދީ، ކޯޓުން ދޫކޮށްލާފަ އެވެ.
32 އަހަރު މީހާ ބަންދުގައި ބެހެއްޓުމަށް ކުރު މުއްދަތުތަކެއް ދަނީ ކޯޓުން ދެމުންނެވެ. އެނގިފައިވާގޮތުގައި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންގޮސްފައިވަނީ ވަކިންނެވެ. ތިން ފަނޑިޔާރުން ކުޅުދުއްފުށީ ކޯޓްގައި ތިއްބަވާއިރު 30 އަހަރުގެ މީހާ ކޯޓުން ދޫކޮށްލަން އަމުރުކުރިއިރު ހަމަ އެމައްސަލާގައި ހައްޔަރުކުރި 32 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އެހެން ފަނޑިޔާރެއްކަމަށް އެނގިފައިވާވެ އެވެ.
ކުޅުދުއްފުށީގައި މިދިޔަ ރޯދަމަހުވެސް ވައްކަމުގެ މައްސަލަތައް އިތުރުވެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިންތިހާއަށް އޮތެވެ. އަދި މިފަދަ މައްސަލަތަކުގައި ފުލުހުންނަށް ގިނަ ބަޔަކު ފާޑުވެސް ކިޔަ އެވެ.