• އެއްބަސްވުމެއް ހެދިފައި އޮތް ނަމަވެސް އެއްވެސް ފަރާތެއްގެ ސޮޔެއް ނެތް
• އެބިމުން އެއްވެސް ކުއްޔެއް ކައުންސިލަކަށް ނުލިބޭ
ކުޅުދުއްފުށީގައި ރޯހައުސްތަކެއް އެޅުމަށް ހަވާލުވި އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ބިން އެކުންފުނީގެ އަތުން ނެނގޭނެ ގޮތް ނުވެފައިވާކަމަށް ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ކުޅުދުއްފުށީގައި ރޯހައުސްތަކެއް އެޅުމަށް ހަވާލުކުރި އައިލެންޑް އެކްސްޕާޓް ކުންފުންޏަށް ދޫކޮށްފައިވަނީ ކޭޕީއެލް ކުރިމައްޗަށްވާ ސަރަހައްދުގައިވާ ހުސްބިމެކެވެ. އެހެންނަމަވެސް ނަޝީދުގެ ވެރިކަންބަދަލުވުމާއެކު ރޯހައުސްތަކުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ވަނީ ހުއްޓިފަ އެވެ.
އެކަމަކު ކައުންސިލުން އެކުންފުންޏަށް ދޫކޮށްފައިވާ ބިމުގައި ތަކެތި ބަހައްޓައިގެން މިހާރުވެސް ގުދަނެއްގެ ގޮތުގައި އެތަން ދަނީ ބޭނުން ކުރަމުންނެވެ. ކުރިން އެތަނުގައި ޓިނު ހަދައިގެން ވިއްކާފައިވެސް ވެ އެވެ. ނަމަވެސް އެތަނުން އެއްވެސް ކުއްޔެއް ކައުންސިލަށް ލިބެމުންނުދާތީ އާއި އެކުންފުންޏާ ހަވާލުކުރި މަސައްކަތްކުރަމުން ނުދާތީ ގިނަ ޒުވާނުންތަކެއް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އެބިމަކީ ކުރިން އެންމެ ފުރަތަމަ ފުލެޓްތައް ހަދަން ވެގެން އައިލެންޑް އެކްސްޕާޓް ކުންފުނިން މަސައްކަތް ކުރިއިރު ދިން ބިމެއްކަމަށާއި އެބިމަށް އެއްވެސް ކުއްޔެއް ކައުންސިލަށް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.
"ކައުންސިލުން އެބަހުރި އެކުންފުންޏާއެކު ވާހަކަތަކެއް ދެކިވެ މަޝްވަރާތަކެއްކޮށްފަ. އޭގެ ބަދަލުގައި އެމީހުންވެސް ކަންތައްތަކެއް ކައުންސިލަށް ކޮށްދީފައި އެބަހުރި. ލިޔުމުން އެއްބަސްވުމެއް އެބައޮތް ހަދާފަ އެކަމަކު ސޮޔެއްނެތް އެއްބަސްވުމަކަށް ވާނީ ސޮޔާއެކު އެހެންނޫންތޯ." ރައީސް ވިދާޅުވި އެވެ.
އިތުރަށް ރައީސް ވިދާޅުވީ އެކުންފުނިން ވަނީ ކުޅުދުއްފުށީ އަމީރުއަމީން ސްކޫލުގައި ކުލާސް ރޫމްތަކެއްވެސް ހަދައިދީފަކަމަށާއި އެހެންނަމަވެސް މިހާރު އެ އެއްބަސްވުން އުވިފައިވާކަމަށެވެ. އައިލެންޑް އެކްސްޕާޓް ކުންފުންޏާއި ނޫމަޑި ކޮމްޕެނީއާ ދެމެދު ކޯޓުގައި އޮތް މައްސަލައަކާ ގުޅިގެން ކައުންސިލަށް އެބިން ނެނގޭގޮތެއް އަދި ނުވާކަމަށް އަބްދުއްލަތީފް ވިދާޅުވި އެވެ.
" އަޅުގަނޑުމެންނަކަށް ސާފެއްނުވޭ އެމަސައްލަގޮސް އޮތް ހިސާބެއް އެކުންފުންޏާ އަނގަބަހުން ވާހަކަދައްކަމުން މިދަނީ ކައުންސިލްގެ ދަށަށް އެބިން ގެނެވޭނެގޮތަކީ ކޮބައިތޯ އެހެންނަމަވެސް އަދި ކޮޅެއްގަ ނުޖެހޭ." ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ޒުވާނަކު މިނޫހާއި މަޢުލޫމާތު ހިއްސާކުރަމުން ބުނީ ރަށުން އަނބިދަރިންގޮވައިގެން ދިރިއުޅޭނެ ބިންކޮޅެއް ނޫނީ ފުލެޓްގަނޑެއްވެސް ނުލިބިގެން އުޅޭއިރު ރީތި ސަރަހައްދުން ބޮޑުބިމެއް އައިލެންޑް އެކްސްޕާޓް ކުންފުނިން މުދާ ރައްކާކުރަން ރަށުގެ މާލީއްޔަތަށް އެއްވެސް ކުއްޔެއް ނުލިބޭގޮތަށް ދީފަ އޮތުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.
"އެ ބިން ކައުންސިލްގެ ދަށަށް ނުގެނެވެންވީ ސަބަބެއްނެތް. އެކުންފުނީގެ މަސައްކަތެއް މިރަށުގައި ނުހިނގާ އެމީހުން ނެތް އެކުންފުނީގެ މުދާ ރައްކާކުރާ ސްޓޯރޭޖެއްގެ ގޮތުގައި ވަކިބައެއްގެ ފައިދާއަށް އެބިން ނުބޭއްވޭނެ. މިހާރުން މިހާރަށް އެބިން ކައުންސިލަށް ހުސްކުރެވޭނެ." ޒުވާނާ ހިތްހަމަނުޖެހި ހުރެ ބުންޏެވެ.
އެންމެ ފަހުން ކުޅުދުއްފުށީ ރައްޔިތުންނާ ކައުންސިލުން ބައްދަލުކޮށް ކައުންސިލުން ކުއްޔަށްދޫކޮށްފައިވާ ބިންތަކާއި ލިބޭ ކުލިގޭ މަޢުލޫމާތު ހިއްސާކުރުމަށް އިއްވި ރިޕޯޓުގައި އައިލެންޑް އެކްސްޕާޓް ކުންފުންޏަށް ދޫކޮށްފައިވާ ބިމުގެ ވާހަކަ ނުގެންނާތީ ގިނަބައެއްގެ ފާޑުކިޔުންވެސް ވަނީ ކައުންސިލަށް އަމާޒުވެފަ އެވެ.