ރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ގައުމަކަށް ވާތީ ތިމާވެށި ހިމާޔަތްކޮށް ތަރައްޤީ މަޝްރޫއުތައް ހިންގައި ރާއްޖެ ތަރައްގީ ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިހެން ވިދާޅުވީ "ތާރީހުގެ ތެރެއިން ތިމާވެށީގެ ވަޒީރުން" ނަމުގައި ނެޟަނަލް އާރޓް ގެލެރީގައި ކުރީގެ ރާއްޖޭގެ ތިމާވެށީގެ ވަޒީރުންނާއިއެކު އިއްޔެ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ( އީޕީއޭ )އަކީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ތަނަކަށް ވާންޖެހޭ ކަމަށާއި އީޕީއޭ އަކީ ފުރިހަމަ ގާނޫނީ ބާރާއި އިހްތިޔާރު ލިބިފައިވާ މިނިވަންތަނަކަށް ހަދާނެކަމަށެވެ. އެކަމަށް ސަރުކާރުން އެކުލަވާލަން ޖެހޭ ސިޔާސަތުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވި އެވެ.
"ތިމާވެށި ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ރާއްޖެ މިގޮތުގައި ގެނެސްދޭންޖެހޭ ރާއްޖެއަކީވެސް ތަރައްގީވަމުން އަންނަޤައުމަކަށްވާތީ ތަރައްގީގެ މަޝްރޫއުތައް ހިންގައި ތަރައްގީކުރަންޖެހޭ އަދި ރަށްރަށުގެ ބިން ހިއްކާ ހިއްކާފައިވާ ބިންތަކުގައި އިންދާނެ ރުއްގަސް ހޯދުން ފަދަ ކަންކަމަކީ ވެސް މިއަދު ކުރަންޖެހިވާ ކަމެއްކަމަށް." ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިތުރަށް ވިދާޅުވީ ގައުމެއްގެ ހަޔާތުގައި ފާހަގަކުރާނެ އެންމެ މުޙިއްމު ދަވަހަކީ ތިމާވެށީގެ ދުވަސްކަންފާހަގަކުރައްވައި މިދުވަސް މުހިއްމުވަނީ އަންނައޮތް ޖީލުތަކަށް ރާއްޖެ މިއޮތްގޮތަށް ގެންގޮސްދެވޭނީ މިއަދުވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުން ކަމުގައިވާތީ ކަމަށެވެ.
އެގޮތުން ތިމާވެށީގެ ދާއިރާއަށް ހާއްސަކޮށް މިނިސްޓްރީއެއް އުފައްދަވާ ގްރީން ޓެކްސް މީގެ ކުރީން ބޭނުން ކުރެވުނީ ތިމާވެށި ރައްކާތެރިކުރުމާބެހޭ ކަންކަމަށް ހާއްސަކުރެވިގެން ނޫންކަމާއި އެކަން މިހާރު އިސްލާހުކުރައްވައި މިހާރު އެފައިސާއަކީ ތިމާވެށީ ހިމާޔަތް ކުރުމަށް ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅުވައިފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމާ އެކުއެކީގައި ވެއްޓަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ތަރައްގީގެ މަސައްކަތްތައް ކުރިއަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދަންޖެހިފައިވާކަމަށެވެ . އަދި މިމަސައްކަތުގައި ތިމާވެއްޓާއި ބެހޭ ދާއިރާގެ ތަޖްރިބާ ކާރުންގެ ލަފަޔާ އިރުޝާދު ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.