އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ދިރާސީ އަހަރު ފަށާ ތާރީހަށް ބަދަލު ގެނެސްފި އެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ ދިރާސީ އަހަރު ފަށާ ތާރީހު ބަދަލުކުރުމާ ބެހޭގޮތުން ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ދެ އަހަރު ތެރޭ އެކަން ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"މި ނިންމުމުގައި 2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ. އެއީ އެންމެ ކުރިން އަޅުގަނޑުމެން ސްކޫލުގައި އުޅުނުއިރު ކަން ހިނގައި ދިޔަ ގޮތަށް. އަދި ހަމަ އެހެންމެ 2026 ވަނަ އަހަރުގެ އެކެޑެމިކް ކަލެންޑަރު ފެށިގެން ދާނީ ޖެނުއަރީ މަހު, ކުރިން ވެސް ފަށަމުން ދިޔަ އުސޫލަށް," ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބަދަލާއެކު ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ އެވެ. އަދި މިކަން ކުރަން ރާވާފައި ވަނީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތަކެއް ނުވާނެހެން, ތައުލީމީ ކަލަންޑަރަށް މަޑުމަޑުން ގެނެވޭ ބަދަލުތަކަކާއެކު ކަމަށް ނާޒިމް ވިދާޅުވި އެވެ.
ދިރާސީ އަހަރު ފަށާ ތާރީހު ފަށާ ތާރީހަށް ބަދަލު ގެންނަން ނިންމީ, އެކަމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާއެކު ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާ ކުރުމަށްފަހު ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިރާސީ އަހަރު ފެށުން ޖެނުއަރީއަށް ބަދަލުކޮށް, ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ރިޔާސީ އިންތިހާބު ތެރޭގައި ދ. ކުޑަހުވަދޫގައި ހުންނަވައި އޮގަސްޓު 16, ގައި ރައީސް ވެވަޑަގެންނެވި ވައުދުފުޅެކެވެ. އޭރު އެމަނިކުފާނު ވިދާޅުވީ 2025 އިން ފެށިގެން އެގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.
ދިރާސީ އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލަކީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ގެނައި ބަދަލެކެވެ. ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު 2021 އިން ފެށިގެން ދަރިވަރުންގެ ކިޔެވުން ތަރުތީބު ކޮށްފައި އޮތީ އެހެންނެވެ.
ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާ އެކު ސްކޫލްތަކަށް ގޮސްގެން ދަރިވަރުންގެ ކިޔެވުން މެދުކެނޑި، ދިމާވި އުނދަގޫ ހާލަތާ ގުޅިގެން ސަރުކާރުގެ ނިންމުމަކަށް ވީ، ދަރިވަރުންގެ ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމަށެވެ.
2025 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރަށް ބަދަލުގެނައުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ ބޮޑު ޗުއްޓީއަށް ކުރީ ސަރުކާރުން ގެނައި ބަދަލުން ބޮޑެތި ތަކުލީފުތަކާއި ބެލެނިވެރިންނާއި ދަރިވަރުން އުފުލަން ޖެހޭ ކަމަށް ވިދާޅުވެ އެވެ.