• ހިދުމަތް މެދުކެނޑީ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން
• މިނިސްޓްރީން ބުނީ ލޮލުގެ ޑޮކްޓަރެއް މިވަގުތު ފޮނުވެން ނެތްކަމަށް
• ލޮލުގެ ޑޮކްޓަރެއް ލިބޭނެ ދުވަހެއް ނޭނގޭ، ރައްޔިތުންގެ ޝަކުވާބޮޑު
އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހިދުމަތް މެދުކެނޑި، ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެއްޖެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ލޮލުގެ ބަލިތަކަށް ފަރުވާދެމުން ދިޔައީ އިންޑިޔާގެ އަންހެން ޑޮކްޓަރެކެވެ. މެއިމަހުގެ ފަނަރައިން ފެށިގެން އެޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލިގެ ބަލިތަކަށް ދެވޭފަރުވާނުދެވި، އެހިދުމަތް ވަނީ މެދުކެނޑިފަ އެވެ. ހޮސްޕިޓަލުން ހިދުމަތް ހޯދައްވާ ފަރާތްތަކުން ދަނީ އެހިދުމަތް ހޮސްޕިޓަލުން މެދުކެނޑުމުން ހިތްހަމަނުޖެހުންފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިކަމާގުޅިގެން ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިޔާ އޮފްޝަލް ވިދާޅުވީ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ފަރުވާ ދެމުން ގެންދެވީ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން މިވަގުތު ހޮސްޕިޓަލުން ލޮލުގެ ބަލިތަކަށް ފަރުވާ ދެވޭނެ ގޮތް މިވަނީ މެދުކެނޑިފަ އެވެ.
ލޮލުގެ ޑޮކްޓަރަކަށް ހުރީ މާބަނޑު އިންޑިޔާ އަންހެނެއްކަމަށާއި އެ ޑޮކްޓަރު މެއިމަހުގެ ފަނަރަ ހިސާބުގައި ނެގީ އަހަރީ ޗުއްޓީ، ދެން އެޗުއްޓީ ހަމަވާއިރަށް ދިމާވަނީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ އެވެ. އެހެންވުމުން ލޮލުގެ ޑޮކްޓަރު ޗުއްޓީ ނިމިގެން ޑިއުޓީއަށް ނިކުތުމާ ހަމައަށް ޑޮކްޓަރުން ހިދުމަތް ތިންމަހަށް މެދުކެނޑޭކަމަށާއި އެކަން ހެލްތު މިނިސްޓްރީއަށް އަންގާފައިވާނެކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
"މިނިސްޓްރީގަ އެދުނިން ލޮލުގެ ޑޮކްޓަރަކަށް ހުރީ ޕްރެގުނަޓް ލޭޑީއެއް ކަމާ އަދި އެޑޮކްޓަރުގެ އެނުއަލްލީވް ނިމޭއިރަށް މެޓާނިޓީ ލީވްއާއި އެބަދިމާވާކަމަށް މިދުވަސް ކޮޅަށް ޑޮކްޓަރަކު ހަމަޖައްސައި ދިނުމަށް އެދިފައިވާނީ ". ކޭއާރުއެޗުގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
އިތުރަށް ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅިގެން މިނިސްޓްރީން ދީފައިވާ ޖަވާބަކީ މިވަގުތު ލޮލުގެ ޑޮކްޓަރަކު ލިބެން ނެތް ކަމަށާއި އެހެންތަނަކުން ޑޮކްޓަރެއް ނަގާފައިވެސް ދެވެން ނެތްކަމަށެވެ.
"އެހެންވުމުން އަޅުގަނޑުމެންނަށް މިވަނީ ލޮލުގެ ޑޮކްޓަރެއް އަދި ލިބޭގޮތް ނުވެފައި ހޮސްޕިޓަލުން ރައްޔިތުންނަށް ދެމުންދިޔަ ހިދުމަތެއް މެދުކެނޑުމުން ވަރަށް އުނދަގޫވޭ ރައްޔިތުންގެ ވަރަށް ބޮޑު ކޮންސާނެއްދެއްތޯ." މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
ކޭއޯއާ މައުލޫމާތު ހިއްސާ ކުރަމުން ރައްޔިތަކު ހިތްހަމަނުޖެހި ހުރެ ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަލިމީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްކަމަށާއި ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ދޭން ޖެހޭ ފަރުވާ ހޮސްޕިޓަލުންދެމުންދާ ޑޮކްޓަރު ޗުއްޓީއަށް ދިއުމާ ގުޅިގެން އެހިދުމަތް އެހޮސްޕިޓަލުން މެދުކެނޑެންޖެހިގެން ނުވާނެކަމަށެވެ.
ޑޮކްޓަރަކު ޗުއްޓީއަށް ދަންޏާ ބަދަލުގައި ސަރުކާރުން އެހެން ޑޮކްޓަރަކު ހަމަޖައްސައިދީ، މައްސަލަ ހައްލުކޮށްދޭންޖެހޭނެ ކަމަށެވެ.
"މިހޮސްޕިޓަލް ޓާޝާރީ ކުރާވާހަކައަކީ އަބަދުވެސް ކޮންމެ ސަރުކާރަކުން ދައްކަމުންދާ ވާހަކައެއް އެހެންނަމަވެސް ހޮސްޕިޓަލުން ކޮންމެ ޑޮކްޓަރަކު ދިއުމުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްދަނީ މެދު ކެނޑިގެން މިއީތޯ އެވިދާޅުވާ ޓާޝާރީ ފެންވަރަކީ. މިކަންކަމަކީ މިއަދު ބޮޑު ތިލަދުންމަތީން މިހޮސްޕިޓަލުގެ ހިދުމަތް ހޯދާ ފަރާތުން ބަލައިގަނާނެ ކަންކަމެއް ނޫން." ކަމަށް އެމީހާ ބުންޏެވެ.
އެމީހާ އިތުރަށް ބުނީ އުއްމީދު ކުރަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިކަން ބައްލަވާ ވީއެންމެ އަވަހަކަށް މިތިލަދުންމަތީ ރައްޔިތުން ރެއާއި ދުވާލު ހިދުމަތް ހޯދަމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލޮލުގެ ބައްޔަށް ފަރުވާދޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.