ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިންގަން މިދިޔަ ސަރުކާރުން ހަވާލުކުރި ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ އަލުން ހަވާލުކުރުމުގެ ވިސްނުން މިސަރުކާރުން ނުގެންގުޅޭކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ހިންގަން މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ މަޝްހޫރު ނިމްސް ހޮސްޕިޓާ ހިންގާ، އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓާއި ދިވެހި ބަޔަކާ ގުޅިގެން އުއްފަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަން (އެންއައިއައި) އެވެ.
ނަމަވެސް ދެ ކުންފުނީގެ ޑިރެކްޓަރުންގެ މެދުގައި ޖެހުނު މައްސަލައަކާ ހެދި ހޮސްޕިޓަލް ނުހިނގި ރައްޔިތުންގެ ޝަކުވާބޮޑުވުން ހޮސްޕިޓަލް ހިންގުމާ ވަނީ ސަރުކާރުން ހަވާލުވެފަ އެވެ. އަދި އަލުން ހޮސްޕިޓާ ނިމްސްއާ ހަވާލުކުރުމަށް އެތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ދެކޮޅަ ހަދައި ސަރުކާރަށްވަނީ އެކަން ހުށަހަޅާފަ އެވެ.
ރައީސް އޮފީހުގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އޮފް ހެލްތް އަބުދުﷲ އަމީން ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ އަލުން ނިމްސްއާ ހަވާލުކޮށްގެން ހިންގުމުގެ ވިސްނުން މިސަރުކާރުން ނުގެންގުޅޭކަމަށެވެ.
އަދި އެ ހޮސްޕިޓާ ސަރުކާރަށް ނަގައި ތަރައްގީކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރުގެ މެދުގައި ޖެހިފައިވަނީ ހިޔާނާތުގެ މައްސަލަތަކެކެވެ.