• ޖެންޑާއިން ބުނީ ކުއްޖާގެ މަންމައަށް ތަކުރާރުކޮށް ނަސޭހަތްދިންކަމަށް
• މަންމަ ގާތުގައި ހުރެގެން ރައްކާތެރި މާހައުލެއް ކަށަވަރެއް ނުކުރެވޭކަމަށް
ކުޅުދުއްފުށިން ދެ އަހަރުގެ ކުއްޖަކު ދައުލަތަށް ނެގި މައްސަލާގައި އެކުއްޖާގެ މަންމަ މީޑިއާގައި ދެއްކި ވާހަކަތައް ޖެންޑާ މިނިސްޓްރީން ދޮގުކޮށްފި އެވެ. ކުޅުދުއްފުށީ ފިރިހެނަކާ ކައިވެނިކޮށްގެން އުޅޭ 18 އަހަރުގެ މަންމަ ކޭއޯއަށް މައުލޫމާތުދެމުން ބުނެފައިވަނީ މިދިޔަ ހަފުތާތެރޭގައި އޭނާ ދިރިއުޅޭ ގެޔަށް، ޖެންޑާގެ މިނިސްޓްރީގެ ތިން އޮފިޝަލަކު އައިސް، އެއްވެސް އެންގުމަކާ ނުލައި ދަރިފުޅު ގެންގޮސްފައިވާ ކަމަށެވެ.
އެ އަންހެން މީހާ ބުނެފައިވަނީ މިއަދާ ހަމައަށްވެސް ދަރިފުޅު ޖެންޑާއަށް ނެގި ސަބަބުން ސާފުކޮށްދީފައިނުވާ ކަމަށާއި އިހުމާލެއްވެފައިވާނަމަ އެއީ ކޮން އިހުމާލެއް ތޯ ވެސް ބުނެދީފައިނުވާކަމަށެވެ. ނަމަވެސް ދަރިފުޅު ޖެންޑާއަށް ނެގިތާ އެއްދުވަސްފަހުން ދައުލަތަށް ދަރިފުޅު ނެގިކަމުގެ ލިޔުމެއް ހަވާލުކުރި ކަމަށް އޭނާ ކިޔައިދިނެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބުރާހިމް މުހައްމަދު ކޭއޯއަށް ވިދާޅުވީ، ދެ އަހަރުގެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުނީ ތަކުރާރުކޮށް އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެ، ކުއްޖާގެ ކަންތައްތައް ރަނގަޅަށް، އެކަށީގެންވާގޮތަށް ނުބެލެހެއްޓޭނެކަމަށް ދައުލަތަށް ފެނުނުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުއްޖާ މަންމަގެ ފަރާތުން އިހުމާލުވުމުގެ އަމަލުތައް ތަކުރާރުކޮށް ވަނީ ފެނިފައިވާކަމަށާއި ކުއްޖާއަށް މަންމަ ގާތުގައި ހުރެ އެކުއްޖާއަށް ރައްކާތެރި މާހައުލެއް ކަށަވަރުނުކުރޭވެކަން ދައުލަތަށް ގަބޫލުކުރެވުނުހިނދު ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެނގީ ކަމަށެވެ.
"އެ ކުއްޖާގެ މަންމަ ދަނީ ތަކުރާރުކޮށް އެކުއްޖާއަށް އިހުމާލުވަމުން. އެހެންވީމާ އަޅުގަނޑުމެން (ދައުލަތުން) އެފަދަ ހާލަތެއްގައި، ދެ އަހަރުގެ ކުއްޖެއް ނުބެހެއްޓޭނެ. އެއްވެސް ހާލަތެއްގެ އެއްވެސް ފަރުދަކަށް ގެއްލުމެއް ނުވަތަ ނުރައްކަލަށް ހުށަހެޅޭނެކަމަށް ގަބޫލުކުރެވޭ ހާލަތެއްގައި އަދި އެފަދަ އެއްވެސް ހާލަތެއްގައި އެކްޝަނެއް ނުނަގައެއް ޖެންޑާ މިނިސްޓްރީން ނުހުންނާނަށް." އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ވިދާޅުވި އެވެ.
އެކަމަކު އެ ކުއްޖާގެ މަންމަ ބުނެފައިވަނީ ދަރިފުޅު ކުޅުދުއްފުށީގައި ހުންނަ ޖެންޑާގެ އުފަންހިޔާއަށް ގެންގޮސް އޭނާއަށް އެންގުމަކާވެސް ނުލައި އަދި ކުއްޖާ ދައްކާވެސް ނުލާ ނ އަތޮޅުގައި ހުންނަ ޖެންޑާގެ ހިޔާއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުށީ އުފަންހިޔާގައި ކުއްޖާ ހުރި ދުވަސްތަކުގައި ޖެންޑާއިން އެކުއްޖާއަށް އިހުމާލުވެފައިވާކަމަށް އޭނާ ބުނެފައިވެ އެވެ.އޭނާ އާއި އޭނާގެ ދަރިފުޅަކީވެސް ޖެންޑާގެ ބެލުމުގައި ދަށުގައި ހުއްޓައި ކުޅުދުއްފުށީ މީހަކާ ކައިވެންޏެއް ކުރި މީހެއް ކަމަށާއި އެ ދެމައިން ބެލުމަށް ޖެންޑާއިން ހަވާލުކޮށްފައިވަނީ އޭނާގެ ފިރިމީހާއާ ކަމަށެވެ. ނަމަވެސް ދަރިފުޅު ގެންދިޔައިރު ފިރިމީހާއަށްވެސް އެއްވެސް އެއްޗެއް އަންގާފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ދެ އަހަރުގެ ދަރިފުޅު އޭނައާ ވަކިން ނިދަން ވަރަށް އުނގަދޫވާނެ ކަމަށާއި މަންމަގެ ލޯބި ދަރިފުޅަށް އެންމެ ބޭނުންވާ އުމުރުގައި ކުއްޖާ ގެންދިޔުމުން ފުން ހިތާމައެއް ލިބިފައިވާކަމަށް އޭނާ ބުނެފައިވެ އެވެ.