• ޕޯސްޓްގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ކުޅުދުއްފުށިން ނުލިބޭ
• އޯޑަރުކުރާ އައިޓަމް ޕޯސްޓަށް ލިބި ކަސްޓަމަރަށް ނުލިބި އެތައްދުވަހެއް
ޕޯސްޓްގެ ހިދުމަތް އެކަށީގެންވާގޮތުގައި ފޯރުކޮށްދެމުން ނުދާތީ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ފާޑުކިއުންތައް ކުޅުދުއްފުށީ ޕޯސްޓް އޮފީހަށް ރައްދުވާން ފަށައިފި އެވެ. މި ޕޯސްޓް އޮފީހަކީ މިސަރަހައްދުގެ ގިނަ ރަށްތަކަށްވެސް ހިދުމަތްދޭ ތަނެކެވެ.
ކުޅުދުއްފުއްޓަކީ މާލޭން އުތުރުގެ އެންމެ ބޮޑު އާބާދީ އޮންނަ ރަށެވެ. އެތައް ސަތޭކަ ޒުވާނުންނާއި ރަށުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީންވެސް ޕޯސްޓްގެ ހިދުމަތް ހޯދަމުންދާ ރަށެކެވެ. ޕޯސްޓުން ގެންނަންޖެހޭ ތަކެތި އަދި ފޮނުވަންޖެހޭ ތަކެތި އެއްތަނުން އަނެއްތަނަށް ފޮނުވުމަށް ކުޅުދުއްފުއްޓަކީ ފަސޭހަ ރަށެކެވެ. އެއީ ދެދުވަހުން އެއްދުވަހު މާލެއަށް ދަތުރުކުރާ އުޅަނދުފަހަރުވެސް ގިނަވުމުންނެވެ. އަދި އެއާޕޯޓް އޮންނަ ހަނިމާދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ކޮންމެ ދުވަހަކުވެސް އެތަކެއް ލޯންޗެއްވެސް ދަތުރުކުރެ އެވެ. އެހެންނަމަވެސް ކުޅުދުއްފުށިން ޕޯސްޓްގެ ހިދުމަތް އެކަށީގެންވާގޮތެއްގައި ނުދެވި އެއްދުވަހުން އަނެއް ދުވަހަށް އެހިދުމަތް ލަސްވަމުންދާތީ ހިދުމަތް ހޯދާ ފަރާތްތަކުގެ ހިތްހަމަނުޖެހުމާއި ފާޑުކިއުންތައް ވަނީ ގިނަވެފަ އެވެ.
ނަން ހާމަކުރަން ބޭނުންނުވާ ޕޯސްޓްގެ ހިދުމަތް ހޯދަމުންގެންދާ ޒުވާނެއް ކޭއޯއަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ ޕޯސްޓުން އޯޑަރުކޮށްގެން ތަކެތި ކުޅުދުއްފުއްޓާ ހަމައަށް ލިބިފައިވާ ހުންނައިރުވެސް އެތަކެތި ކަސްޓަމަރާއި ހަމައަށް ފޯރުކޮށްނުދެވި އެތައް ދުވަހެއްވާކަމަށާއި މިއީ މިއަދު ޕޯސްޓްގެ ހިދުމަތް ހޯދާ ހުރިހާ ފަރާތެއްގެ ކަންބޮޑުވުމެކެވެ.
"އަޅުގަނޑުމެން އޮންލައިނުން ވިޔަފާރިކުރާ ސައިޓުތަކުން އެއްޗެއް މިގަންނަނީ ޝިޕްކުރާތާ ގާތްގަނޑަކަށް ދެ ހަފްތާތެރޭގައި ޓްރެކިން ބަލާލުމުން މާލެއަށް ލިބޭކަމަށް އެބަދައްކާ. އަތަށް މިލިބެނީ ވަރަށް ލަހުން އެ އެއްޗެއް މަސް ދެ މަސްފަހުންވެސް ބައެއް ފަހަރު އެބަލިބޭ. މިއީ މައްސަލައެއްދެއްތޯ." ޒުވާނާ ބުންޏެވެ.
"މިކަމާގުޅިގެން ސީދާ އަޅުގަނޑު މޯލްޑިވްސް ޕޯސްޓަށް ގުޅާފަ ދެންނެވިން އޯޑަރުކުރާ އެއްޗެއް މާލެއަށް އެރުމާއެކު އެ އެއްޗެއްހި ކަސްޓަމަރަށް، ކިތައް ދުވަސްތެރޭގައި ރައްދުކޮށްދޭންޖެހޭނެތޯ. އެބޭފުޅުން ވިދާޅުވާގޮތުން ހަފްތާއެއް ތެރޭގައި އެއްޗެއް ކަސްޓަމަރަށް ރައްދުކުރަންޖެހޭނެކަމަށް. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ ކުޅުދުއްފުށީ ޕޯސްޓްގެ މައްސަލައެއް." ޒުވާނާ ބުންޏެވެ.
އިތުރަށް ޒުވާނާ ބުނީ ކުޅުދުއްފުށީ ޕޯސްޓުގައި މަސައްކަތް ކުރަމުންދަނީ ތިން މުވައްޒަފުންކަމާއި އޯޑަރުކުރި އެތި އައިސް އެބައިންތޯ ސުވާލެއް ކޮށްލުމުންވެސް އެދެވޭ ޖަވާބެއް އެތަނުން ނުލިބޭކަމަށެވެ.
"އޯޑަރު ކުރިއެތި ލިބިއްޖެކަމަށް ވަންޏާ ފޯނަށް މެސެޖެއްދާނެ. ބައެއް ފަހަރު ބުނާނެ އެތި އަދި ނާދެއޭ އެންޓަރ ނުކުރެވި ގެންނޭ މިކަހަލަ ރާގަކަށް ދަނީ. މިއީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ކުޅުދުއްފުށިން މާލެދަތުރުކުރާ އޮޑިފަހަރު ގިނަ ރަށެއް އަދި ހަނިމާދޫ އެއާޕޯޓްވެސް ކައިރީގައި އޮވެ ޕޯސްޓުން އޯޑަރުކުރާ އެއްޗެއް ލިބި ކަސްޓަމަރާއި ހަމައަށް ފޯރުކޮށް ނުދެވި ލަސްވުމަކީ ވަރަށް ބޮޑު މައްސަލައެއްދެއްތޯ." ޕޯސްޓްގެ ހިދުމަތް ހޯދާ ޒުވާނަކު ބުންޏެވެ.
ޒުވާނުންގެ މިޝަކުވާތަކާއި ގުޅިގެން މިނޫހުގެ ފަރާތުން ޕޯސްޓް އޮފީހުގެ ބަހެއް ހޯދުމަށް ގުޅުމުން ވިދާޅުވީ ހޯދަން ބޭނުންވާ މަޢުލޫމާތުތައް ވިދާޅުވެދެއްވުމަށެވެ. ހޯދަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވުމުން ވިދާޅުވީ މިއަދު ކޮންމެވެސް ޖަވާބެއް ދެއްވާނެކަމަށެވެ.
އެހެންނަމަވެސް މިޙަބަރު ޕަބްލިސް ކުރުމާއި ހަމައަށް ޒުވާނުންގެ މިޝަކުވާތަކާގުޅިގެން މޯލްޑިވްސް ޕޯސްޓް އޮފީހުގެ ބަހެއް ވަނީ މިނޫހަށް ލިބޭގޮތް ނުވެފަ އެވެ.