ބޭރު ގައުމުތަކާއެކު ރާއްޖެއިން ގުޅުން އުފައްދާއި ދަމަހައްޓާނީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިންކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު އިންވެސްޓަރުންނާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ހިނގާ އެކި ކަންކަމާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހުސްތައް ކުރެވެމުންދާއިރު ކަމުގެ ހަގީގަތްތަކާއި ރާއްޖޭގައި ކަން ހިނގާ އުސޫލުތައް އޮޅުންފިލުވައިދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ ސިޔާދަތާ މިނިވަންކަން ހިމާޔަތްކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރެއްވިއެވެ.
އަދި ދިވެހިންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއެކު ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކޮށް އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށްވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ސާބިތުކަމާއެކު އިސްއުފުލައި އަދުލުވެރިކަމާއި ހަމަޔާއި އިންސާފަށް އަޑުއުފުލުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ރުކުން ކަމާއި ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖޭގެ ހައިބަތު އުފުލައިދެނީ މި ހަރުދަނާ ޑިޕްލޮމަސީންކަމުގައި ވިދާޅުވިއެވެ.
ސަފީރުންގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ހާއްސަކޮށް ދިވެހި ކިޔަވާކުދިންނަށް ދޭންޖެހޭ ކޮންސިއުލަރ ހިދުމަތްތައް ފަސޭހަކޮށްދިނުމާއެކު އެހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައެވެ. މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ސަފީރުންނަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.