• ކުޅުދުއްފުށީ އަމީނީމަގު ފިޔަވާ އެހެން މަގުތައް ހެދީ ރައީސް ޔާމީންގެ ސަރުކާރުގަ
• މަގުތައް ހަދާފައިހުރީ ކާނުތަކުން ފެން ދައުރުނުވާގޮތަށް
• މަގު ހެދިއިރު ކާނުތަކުން ފެން ހިނދޭނެ އެއްވެސް ގޮތެއް ގާއިމުކޮށްފައެއް ނުވޭ
ކުޅުދުއްފުށީގައި ތާރުއަޅައިގެން ހަދާފައިވާ މަގުތަކުގެ ތެރެއިން އަމީނީމަގު ފިޔަވާ ދެން ހުރި ހުރިހާ މަގެއް ހުރީ ހަދާފައިހުރީ ކާނުން ފެން ދައުރުވާނެގޮތެއް އަދި ކާނުން ފެން ހިނދޭނެ އެއްވެސް ގޮތެއް ގާއިމުކޮށްފައިނުވާކަމަށް ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ސަރވިސަސްގެ މެއިންޓަނަސް ކޯޑިނޭޓަރު އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ އިސް ބޭފުޅުންނާއެކު އިއްޔެ ކުޅުދުއްފުށީ ކައުންސިލްގެ ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، ފަހުން ހެދި މަގުތަކުގެ ކާނުން ފެން ހިނދޭނެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައިނުވާ ކަމަށެވެ.
"އަމީނީމަގު ފިޔަވާ އެހެން އެއްވެސް މަގެއް ނެތް ކާނުން ފެންހިނދޭނެ ނިޒާމެއް ގާއިމުކޮށްފައެއް. އަމީނީމަގުގެ ކާނުންތަކުން ފެންގަނޑު ދިއުމަށް މިއިންނަނީ ރަށުގެ ދެކުނު ފަރާތުގައި ޖަގްޝަނެއް ހަދާފަ. އެހެންނަމަވެސް އެ ޖަގްޝަނެއް މަސައްކަތެއް ނުކުރޭ. އެމަގުގެ ކާނުތައް ސާފުނުކުރެވި ބުލޮކްވެ މި ހުރީ." ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަންވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އޭނާ މިއަހަރުގެ އެޕްރީލްމަހު ސައިޓާ ހަވާލުވިއިރު އެތަނުގެ ބަޖެޓެއްވެސް އަދި ވެހިކަލެއްވެސް ނެތް ކަމަށާއި އެތަނުގެ ބެލެނިވެރި ފަރާތްވެސް ނޭނގި މުޅި ސިސްޓަމް އޮތީ ފެއިލްވެފަ ކަމަށެވެ. އެކަމަކު ވަރަށް މަސައްކަތުން މިއަދު ކައުންސިލްގެ ދަށަށް ޕަބުލިކް ވޯކްސް ގެނެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކައުންސިލްގެ އެހީތެރިކަމާއެކު އެތަނުގެ މަސައްކަތްތައް އަލުން ފަށާގަނެގެން ކުރިއަށްދާއިރު އެތަނުގައި ހުރި ވެހިކަލުތައް ހުރީ ހަނިމާދޫ ގެންގޮސް އެއްވެސް ބޭނުމެއް ނުކޮށް ދޫކޮށްލާފައި ކަމަށެވެ. ޕަބުލިކް ވޯކްސް ސައިޓްގެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރެވޭނީ އެ ވެހިކަލްތައް އަނބުރާ ގެނެވިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.
އަލީ ވިދާޅުވީ މިމަސައްކަތްތަށް ކުރިއަށްގެންދިޔުމުގައި ހަމައެކަނި ބަލަން ޖެހޭނީ ކުޅުދުއްފުއްޓަށް އެކަނި ނޫން ކަމަށާއި މޮނޮޕޮލައިޒް ސިސްޓަމެއްގެ ތެރެއިން މި މަސައްކަތް ކުރެވޭނެ ޕްލޭންތަކެއް ހަދަން ޖެހޭކަމަށެވެ. ކައިރި އެހެން ރަށެއްގައި ފެންބޮޑުވުން ފަދަ ކާރިސާއެއް ދިމާވެއްޖެނަމަ ވަގުތުން އެޓެންޑްކުރެވޭނެ ނިޒާމެއް ނެތް ކަން އަލީ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް ކޮޅިވެއްޓިއެއް ނުނީ ބާޖެއް މިސަރަހައްދުގައިވެސް ނެތް. އަދި އެފަދަ ކަންކަމަށް އެޓެންޑްކުރެވޭނެ ގޮތެއްވެސް ނެތް. ހަމައެކަނި އަތްއުރާލައިގެން ވެހޭހާވާރެއެއްގައި ތިބެން ޖެހޭނީ. ދެން އަނގަމަތި އޮޑިޔަކަށް ޕަމްޕެއް ލައިގެން ދިޔުން ނޫން އެހެން ކަމެއް އަޅުގަނޑުމެންނަށް ނެތް." އަލީ ވިދާޅުވި އެވެ.
މިވާހަކަތަކަކީ މިއަދު އެކަނި ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި މިއީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށެވެ. ޕޮލިސީ ލެވެލްގައި ވާހަކަ ދެކެވިގެން ނޫނީ މިގޮންޖެހުންތަކުން އަރައި ނުގަނެވޭނެކަމަށް އަލީ ވިދާޅުވި އެވެ. ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ފެންހިނދާ ނިޒާމުގެ ގާއިމުކުރަން ބޯޅަދަނޑެއް ހަލާކުކޮށްލައިގެންވެސް އެތަން ގާއިމުނުކުރެވިވާ ކަމަށެވެ. އެ މަސައްކަތަކީ ޕްލޭނެއްކޮށް ކުރިއަށްގެންދިޔަ މަސައްކަތެއް ނޫން ކަމަށް އަލީ ވިދާޅުވި އެވެ.
ދާދިފަހުން ކުޅުދުއްފުއްޓަށް ވިއްސާރަކޮށް ވަނީ ފެންބޮޑުވެ، ބައެއް ގޭބިސީތަކަށް ގެއްލުންވެފަ އެވެ.