ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ތެލެސީމިއާގެ ފަރުވާ ރަނގަޅު ފެންވަރެއްގައި ލިބޭނެ ގޮތް ހެދުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އަމާޒެއްކަމަށާއި މި އަމާޒަށް ވާސިލުވުމަށް ހެލްތު މިނިސްޓަރު އަމީންއާ ހެލްތުގެ ޓީމު މަސައްކަތްކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.
ތެލެސީމީއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ސެމިނާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޒުހެއިރު ވިދާޅުވީ ތެލެސީމިއާގެ ރަނގަޅު ފަރުވާ މުޅި ރާއްޖެއަށް ދިނުމުގައި ގޮންޖެހުންތަކެއްވެސް ހުރި ކަމަށެވެ. އެއީ ޖޯގްރަފީ އާއި އިގްތިސޯދީ އަދި އިޖްތިމާއީ ހާލަތު ހުރި ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ތެލެސީމިޔާގެ އަސަރު އެންމެ ބޮޑަށް ތަޖުރިބާކުރާ އެއް ގައުމު ކަމަށާއި ދިވެހިންގެ ތެރެއިން 10 އިންސަތަ އަކީ ތެލަސީމިއާ ކެރިއަރުން ކަމަށެވެ. ތެލަސީމިއާ ދިވެހިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި މިކަމުގެ އަސަރު ކަޑުކުރަމުން މަސައްކަތްކުރަން ޖެހޭކަމަށް ސްޓޭޓް މިނިސްޓަރު ޒުހެއިރު ވިދާޅުވި އެވެ.
ތެލެސީމީއާގެ ބަލި ތަހައްމަލުކުރާ ކުރާ ކުދިންނަށް އެކުދިންގެ އާއިލާތަކުން ތަޖުރިބާކުރާ ހިތްދަތިކަމަށް ފިނިކަމެއް ހޯދައިދެވޭތޯ މަސައްކަތްކުރަން ޖެހޭކަމަށް ސްޓޭޓް މިނިސްޓަރު ޒުހެއިރު ވިދާޅުވި އެވެ.
މި ސެމިނާގައި ހދ އަތޮޅު ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން ބައިވެރިވި އެވެ.