ރާއްޖޭގައި ތެލެސީމިއާ ކޮންމެ ކުއްޖަކަށްވެސް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް މަހަކު 12000 ވުރެ ގިނަ ރުފިޔާ ހޭދަކުރަމުންދާ ކަމަށް މޯލްޑިވިއަން ބުލަޑް ސާރވިސަސްގެ ޑިރެކްޓަރު ނަޔާޒު އަހުމަދު ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަން ތެލެސީމިއާ ދުވަހުގެ ހަރަކާތްތައް މިއަހަރު ކުރިއަށްގެންދަނީ ކުޅުދުއްފުށީގައި އެވެ. އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި އިއްޔެ ކުރިއަށްގެންދިޔަ ބައިސްކަލް ބުރު ނިންމާލުމަށްފަހު ވާހަކަދައްކަވަމުން ނަޔާޒު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ތަފާތުކުރުމެއް ނެތި ރަނގަޅު ފަރުވާދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މާލޭގައި އުޅޭ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަތޮޅުތެރެއިން ލިބޭނެ ގޮތް ހެދުމަށް މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ނަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އަތޮޅުތެރޭގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް އެކުދިން އުޅޭ ރަށުން އެ ފަރުވާ ނުލިބޭނެ ދަތުރު ހަރަދުދީގެ ފަރުވާ ލިބެން ހުރި ރަށްރަށަށް ގެންގޮސްދީގެންވެސް ފަރުވާ ދެމުންދާ ކަމަށެވެ. އެގޮތުން ތެލެސީމިއާ ކުއްޖަކަށް ގާތްގަނޑަކަށް 12000 ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދުކުރާ ކަމަށެވެ.
"ތެލެސީމިއާ ކޮންޓޯލްކުރުމުގެ ގާނޫނޫގެ ދަށުން ދައުލަތުން އަންނަނީ އެކުދިންނަށް ބޮޑެތި ހޭދަތަކެއް ކުރަމުން. އެގޮތުން އަތޮޅުތެރޭގެ ކުދިންވެސް ހިމެނޭ. އެކުދިން ދިރިއުޅޭ ރަށުގައި އެހިދުމަތް ލިބެން ނެތްނަމަ ކައިރި އެހެން ރަށަކަށް ދަތުރު ހަރަދުދީގެ ގެންގޮސްގެންވެސް ހިދުމަތް ލިބޭގޮތް ހަދާދެން." ނަޔާޒު ވިދާޅުވި އެވެ.
ނަޔާޒު ވިދާޅުވީ 2017 ވަނަ އަހަރު 11 ކުދިން މަރުކަޒުގައި ރަޖިސްޓްރީކުރެވިފައިވާއިރު މިދިޔަ އަހަރު އެ އަދަދު 19 އަށް މައްޗަށް އެރިކަމަށެވެ. ވޭތުވެދިޔަ ދެ ތިން އަހަރު އެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު މިދިޔަ 2018 ވަނަ އަހަރު ރަޖިސްޓްރީކުރި އަދަދު މަތިވުމުން އެކަމާ ވަރަށް ކަންބޮޑުވިކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވި ކުއްލިއަކަށް މައްޗަށް އަރައިގެން ދިޔުމުން. އޭގެ އެހެން އަހަރުތަކުގައި އެއަދަދު ދަށްވަމުން ގޮސް މިދިޔަ އަހަރު ކުއްލިއަކަށް މައްޗަށް ދިޔުމުން." ނަޔާޒު ވިދާޅުވި އެވެ.
އެހެންނަމަވެސް މިއަހަރުގެ މިހާތަނަށް އަދި ރަޖިސްޓްރީކުށްފައިވަނީ އެންމެ ކުއްޖެއްކަމަށާއި ރަޖިސްޓްރީނުކުރި ނަމަވެސް ތެލެސީމިއާ ކުދިން އުފަންވަމުން "އެބަދާކަމަށްވޭ" ނަޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ކުދިން ގިނަވަމުންދާކަމުގައި ވަނީނަމަ ހަރަދު ބޮޑުވެ ދައުލަތުގެ ބަޖެޓަށްވެސް އަސަރުކުރާނެ ކަމަށާއި އަދި ކޮލިޓީ ފަރުވާ ދިނުމުގައިވެސް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކުގައި ތެލެސީމިއާ ކުދިންނަށް ލޭ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި ޝަރުތުތައް ހަމަވަންޏާ އަހަރަކު 4 ފަހަރު ކޮންމެ މީހަކަށްވެސް ލޭ ދެވޭނެ ކަމަށެވެ. ވަކި ކުއްޖަކަށް ބެލުމެއް ނެތި ކޮންމެ ބޭފުޅަކު ލޭ ހިދުމަށް އޭނާ ވަނީ އެދިލައްވާފަ އެވެ.
މޯލްޑިވްސް ބުލަޑް ސާރވިސަސްގައި 888 ކުއްޖަކު މިހާތަނަށް ރަޖިސްޓްރީކޮށްފައިވާއިރު މިހާރު ދުނިޔޭގައި ތިބީ 630 ކުދިންނެވެ. މިއަހަރުގެ ތެލެސީމިއާ ދުވަހުގެ ޝިއާރަކީ"ފެންވަރު ރަނގަޅު ތެލެސީމިއާ ފަރުވަ އެންމެންނަށް-ޕޭޝަންޓްނަށްޓަކާ ޕޭޝަންޓްގެ ގުޅުން ބަދަހިކުރުން." މެވެ.