ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ދ. މާއެނބޫދޫ ސްކޫލުގައި 700 އަށް ވުރެ ގިނަ ފޮތާއެކު ސްކޫލު ލައިބްރަރީ ތަރައްގީކޮށްފި އެވެ.
މިއީ ކޮމިއުނިޓީ ފަންޑުގެ ދަށުން އިފްތިތާހު ކުރި ދެވަނަ ޕްރޮޖެކްޓެވެ. މާއެނބޫދޫ ސްކޫލުގައި ތަރައްގީ ކުރެވުނު މި ލައިބްރަރީ ހުޅުވުނީ އިއްޔެ ހަވީރު އެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރ ގައި ހޮވުނު 5 ޕްރޮޖެކްޓް ގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.
މި ފަންޑާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރައްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފައި ކަމަށާއި މި ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށެވެ.
ޕުރޮޕޯސަލް ކާމިޔާބު ކުރި ނަސީރު ހާމަކުރެއްވި ގޮތުގައި މިހާރު ގިނަ ކުދިންގެ ސަމާލުކަން މިހުންނަނީ ގޭމް ކުޅުމާ އެކި ކަހަލަ އިލެކްޓްރޯނިކް ގެޖެޓް ތަކަށް ކަމަށެވެ. ނަސީރަކީ ޓީޗަކަރެއް ކަމަށާއި އެގޮތުން އަބަދުވެސް ދެކޭ ހުވަފެނެއް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިވުން ކުރުން ކަމަށެވެ. ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުޅުވާލުވާއެކު އެންމެ ފުރަތަމަވެސް ބޭނުންވީ މިހާރު ހުރި ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުން ކަމަށެވެ. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވާ ކަމަށެވެ. މިއީ މިރަށު ސްކޫލު ކުދިންނަށް ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ ކަމަށެވެ.