ޑެންގީ ހުން ޖެހިގެން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ ކުޅުދުއްފުށީ/ކަސަބުގެ، ހަސަން ހައިސަމް ހުސެއިން އެވެ.
ހައިސަމް މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ރޭ ފަތިހު ހަނިމާދޫމަގުން އެމެޖެންސީގައި މާލެއަށް ގެންގޮސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އެވެ.
"ހުން އަންނާތި މިދިޔަ ބުރާސްފަތި ދުވަހު ދިޔައީ ޑޮކްޓަރަށް ދައްކަން. ދެން ބުނީ ޑެންގީ ތޯ ބަލަން ތިން ދުވަސް ފަހުން ޓެސްޓް ހަދަން އައުމަށް. ދެން ތިން ދުވަސް ފަހުން ގޮސް ޓެސްޓް ހެދިއިރު ޑެންގީއަށް ޕޮޒިޓިވް." ގާތް މީހަކު ކިޔައިދިނެވެ.
ޑެންގީއަށް ޕޮޒްޓިވްވުމުން ހޮސްޕިޓަލްގައި އެޑްމިޓްކުރީ އާދިއްތަ ދުވަހު ކަމަށާއި ހާލު ސީރިއަސްވީ ރޭ 7 ޖަހާއެހާއިރު ކަމަށެވެ. ރޭ ފަތިހު ފުލައިޓުން މާލެ ގެންގޮސް އައިޖީއެމްއެޗަށް ގެންދިޔަތާ ދެ ގަޑިއިރެއް ތެރޭގައި ހައިސަމް މަރުވިކަމަށް އޭނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ހައިސަމްއަކީ ތެލެސީމީއާ ކުއްޖެއް ނަމަވެސް އޭނާއަށް ބޭސްކުރަމުންދަނީ ރާއްޖެއިން ބޭރުން ކަމުން މިހާރު ލޭ ނާޅާތާ 1 އަހަރުވެއްޖެ ކަމަށެވެ. އޭގެ ކުރިން އޭނާއަށް މަހަކު ތިން ފަހަރު ލޭ އަޅާކަމަށް އެ މީހާ ބުންޏެވެ.
އެނގިފައިވާގޮތުގައި ހައިސަމްއަކި އެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާ އެވެ. ދެން ތިބެނީ ތިން އަންހެން ކުދިންނެވެ.
ކުޅުދުއްފުށީގައި ޑެންގީ ހުން މިއަހަރު ފެބުރުއަރީމަހުން ފެށިގެންދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ޑެންގީހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ގިނަވެ މިމަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެނދުގެ އަދަދުވެސް ވަނީ އިތުރުކޮށްފަ އެވެ.