ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރެއް އެކުލަވާލަން ނިންމާ ކުޅުދުއްފުށީ ކައުންސިލް އިދާރާއިން އިއުލާނު ކޮށްފިއެވެ.
ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވައިދެކެވެ. އެހެންކަމުން ލޭބަރ ރިލޭޝަން އޮތޯރިޓީން ހަމަޖައްސައިފައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެ ބިދޭސީންނާއި ހަވާލުވެފައިވާ ފަރާތުން އަންނަ އޯގަސްޓް މަސްނިމުމުގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ރެޖިސްޓްރީ ކުރުމަށް އެ އިދާރާއިން އަންގައެވެ.
މިކަމުގައި ކުޅުދުއްފުށީގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް މިއިދާރާއިން އެދެއެވެ. އަދި ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ނުދޭ ފަރާތްތަކާއިމެދު ޤާނޫން ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ބަޔާން ކުރެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމަށް ދޫކުރާ ލިޔުންތައް ދޫނުކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އަދި ކުޅުދުއަފުށީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންވެސް މިމުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް ކައުސިލް އިދާރާއިން އެދެއެވެ.
ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވުމަށާއި ބިދޭސީން ދަފުތަރުގައި ހިމެނުމަށް އެދޭފޯމް ކައުންސިލް އިދާރާއިން އަދި ކައުންސިލް އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެއިދާރާއިން ހާމަކުރެއެވެ. އަދި ފޯމް ދޫކުރުމާއި ބަލައިގަތުން ބަންދުނޫން ކޮންމެ ދުވަހަކު 8:30 ން 13:00 އަށް އޮންނާނެ ކަމަށް އެއިދާރާއިން ބުނެއެވެ.
2017 ވަަނަ އަހަރު ވެސް ވަނީ ބިދޭސީންގެ ދަފްތަރެއް އެކުލަވާލާ ރަޖިސްޓްރީ ވުމަށް ކައުންސިލުން އެދެފައެވެ.