ކަށީގެ ޑޮކްޓަރު ކުޅުދުއްފުއްޓަށް އައިތާ ފަސް ދުވަސް ފަހުން އެހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުދަދުވަހު ދޭންފަށާފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަށީގެ ބަލިތަކަށް ފަރުވާ ދެމުން ގެންދެވީ ޑޮކްޓަރު ޖޫންމަހުގެ ނަވާވީސް ވަނަދުވަހު ޗުއްޓީއަށް ދިޔުމުން ހޮސްޕިޓަލުން ކަށީގެ ބަލިތަކަށް ފަރުވާ ދެވޭނެ ގޮތް މީގެ ކުރިން ވަނީ މެދުކެނޑިފަ އެވެ.
ރައްޔިތުންގެ ގިނަފާޑުކިއުންތަކެއް ހެލްތުމިނިސްޓްރީއަށް އަމާޒުވެފައިވަނިކޮށް ޖުލައި މަހުގެ އަށާރަ ވަނަ ދުވަހު ވަނީ ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަށީގެ ޑޮކްޓަރެއް ފޮނުވާފަ އެވެ.
އެހެންނަމަވެސް ޑޮކްޓަރުގެ ހިދުމަތް ރައްޔިތުންނަށް ލިބެންފެށީ ޖުލައިމަހުގެ ސައުވީސް ވީ ބުދަދުވަހުންފެށިގެން ކަމަށާއި މިއީ ހިދުމަތް މެދުކެނޑިފައިވާ ހޮސްޕިޓަލަކުން ޑޮކްޓަރު އެތަނެއްގައި ހުރެ ފަސްދުވަހު އެހިދުމަތް ނުލިބި މެދުކެނޑިގެންދާންވީ ސަބަބެއް ނޫންކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖުލައި މަހުގެ އަށާރަވަނަ ދުވަހު ކަށީގެ ޑޮކްޓަރު ކުޅުދުއްފުއްޓަށް އައިސްފައިވާ ކަމަށާއި ހިދުމަތަށް އެޑޮކްޓަރު ނެރެވިފައިވާނީ މިމަހުގެ ސައުވީސް ވީ ބުދަދުވަހު ކަމަށެވެ.
"އެއީ ޑޮކްޓަރުގެ ރެޖިސްޓްރޭޝަން ކަމެއް އުޅޭތީ ހިދުމަތަށް ނުނެރެވުނީ. އެކަންކަން ކުރަމުންދަނީ މޯލްޑިވްސް މެޑިކަލް ކައުންސިލުން." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިހާރުވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ލޮލުގެ ޑޮކްޓަރު ޗުއްޓީއަށް ދިއުމުން އެހިދުމަތް ވެސް މެދުކެނޑިފައިވާތީއާއި އައްޑުއަތޮޅުގެ ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ސަރުކާރުން ހަމަކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ހަމަކޮށްނުދެވޭތީ ގިނަބައެއްގެ ފާޑުކިއުން ދަނީ ހެލްތުމިނިސްޓްރީއަށް އަމާޒުވަމުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލެފިޔަވާ އެންމެ ގިނަ މީހުން ސިއްހީ ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.