މިއަދު ޝެޑިއުލް ދަތުރުތައް ފެށި ކުޅުދުއްފުށީ އެއާޕޯޓްގައި އޭޓީސީ ޓަވަރު އަޅައި އިތުރަށް އެއާޕޯޓް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް ފައްޓަވައިދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު ވިދާޅުވީ، އެއާޕޯޓްގައި އޭޓީސީ ޓަވަރު އަޅައި ރޭގަނޑު ފުލައިޓްތައް އޮޕަރޭޓްކުރެވޭނެ ހެން ރަންވޭގައި ލައިޓިންގ ސިސްޓަމް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކޭއޯގެ ސީނިއަރ ޖާނަލިސްޓް އިބުރާހިމް ހަމީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒުހެއިރު ވިދާޅުވީ މިމަހުގެ ތެރޭގައި ޓާމިނަލްގެ ބައެއް ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޓަވަރު އެޅުމާއި ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތް އަންނަ އަހަރަށް ބަޖެޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އަވަސް ކުރެވޭތޯ ވާހަކަ ދެއްކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭޓީސީ ޓަވަރު އަޅާނަން. ރަންވޭ ލައިޓިންގވެސް ވަނީ ޕްލޭންކޮށްފަ. ގުރައުންޑް ހޭޑަލިންގ އިކްއިޕްމެންޓާއި ސެކިއުރިޓީ އިތުރަށް ރަނގަޅުކޮށް، ޓާމިނަލް ފެސިލިޓީސްވެސް އިތުރަށް ރަނގަޅުކުރަން ނިންމާފަވަނީ." ކުޅުދުއްފުށީ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޒުހެއިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް ރެސްޓޯރަންޓާއި އާންމު ފާހާނާތައްކަމާއި މިސްކިތެއް ނުވަތަ ނަމާދުކުރާނެ ތަނެއްވެސް ހަދާނެ ކަމަށެވެ. އެކަމަކު ރެސްޓޯރެންޓް ހެދުމުގައި ބޮޑަށް ބަލާނީ އެކަމަށް ޝައުގުވެރިކަން ހުންނަ ފަރާތެއް ލިބިޖެއްނަމަ އެކަން ބޭނުންވަނީ އައުޓް ސޯސްކޮށްގެން ކުރިއަށްގެންދަން ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
މިސްކިތެއް ނުވަތަ ނަމާދުކުރާތަނެއް ހަދަން ބޭނުންވާ ފަރާތެއްވާނަމަ އެފަދަ ތަނެއް ހަދަން ބޭނުންވާ ބޭފުޅުންނަށް އެފުރުސަތުވެސް އެބައޮތް ކަމަށެވެ. އަދި ސީސީޓީވީ ސިސްޓަމް އާއި ފުލައިޓް ޑިސްޕްލޭ ކަންތައްތައްވެސް ކުރިއަށްދާނެކަމަށް ޒުހެއިރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީ ދެ ދާއިރާގެ މެމްބަރުން އެއާޕޯޓްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލައި އެކަންތައްތައް އަވަސްކުރުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމަށެވެ.