twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނަފްސާނީ ބަލި މީހުންނަށާއި އަޅާލާނެ ފަރާތެއް ނެތް މީހުނަށް މާލީ އެހީ ދޭން ތައްޔާރުވަނީ

ނަބީލާ އިސްމާޢީލް
Aug 17, 2019

އަންނަ އަހަރުން ފެށިގެން ނަފްސާނީ ބަލި މީހުންނަށާއި އަޅާލާނެ ފަރާތެއް ނެތް މީހުންނަށް މާލީ އެހީދޭން ފަށާނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފި އެވެ.

އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހް ހާމަކުރެއްވި ގޮތުގައި އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން 11 ދާއިރާއަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމްކުރާކަމަށެވެ. ނަމަވެސް މިހާތަނަށް މާލީ އެހީ ފޯރުކޮށްދެމުން އައިސްފައިވަނީ މަދު ދާއިރާތަކަކަށްކަން އައްޒާމް ފާހަގަކުރެއްވި އެވެ.

އެންސްޕާއިން މިހާރު މާލީ އެހީ ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ފަގީރުހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީއާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަން ނެތި އެހެން މީހުން ބަލަހައްޓާ ކުދިންނާއި އެކުދިން ބަހަލަހައްޓާ ފަރާތްތަކަށްދޭ މާލީ އެހީއާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށްދޭ މާލީ އެހީތެރިކަމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މަލީ އެހީއާއި، ބޭސްފަރުވާގެ ގޮތުގައި ދެވޭ މާލީ އެހީ ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ ހާމަކުރިގޮތުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން މާލީ އެހީތެރިކަން ދިނުން ލާޒިމްކުރާ ދެ ޕްރޮގްރާމެއް އަންނަ އަހަރު ތައާރަފްކުރައްވާނެކަމަށެވެ.

އެގޮތުން ނަފްސާނީ ބަލި މީހުންނަށް މާލީ އެހީ އަންނަ އަހަރުން ފެށިގެން ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަޅާލާނެ ފަރާތެއް ނެތް މީހުންނަށްވެސް އަންނަ އަހަރު މާލީ އެހީދިނުމަށް ނިންމާފައިވާކަމަށާއި، އެކަމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލާފައިވާކަމަށް ޢައްޒާމް ވިދާޅުވިއެވެ. އަދި އެ ގަވާއިދުތަކާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި މަސްވަރާކުރައްވަމުން ގެންދަވާކަމަށްވެސް އައްޒާމް ވިދާޅުވިއެވެ.

އަންނަ އަހަރު ނަފްސާނީ ބަލިމީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާއިރު ނަފްސާނީ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ރާއްޖެއިން ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ ނަފްސާނީ ބަލި މީހުންނަށް ހާއްސަ ފަރުވާދޭ މަރުކަޒެއްވެސް އައިޖީއެމްއެޗްގައި ހުޅުވާފައެވެ.

އެންސްޕާގެ ސީއީއޯ ވަނީ މާލީ އެހީތެރިކަން ހޯދުމަށް އެންސްޕާއަށް ހުށައެޅޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކަށް އެހީ ހޯދުމަށް އެދި ސިޓީ ފޮނުވާގޮތަށް އޮތް އޮތުން ބަދަލުކޮށް އާންމުންނަށް ފަސޭހަކުރުމުގެ ގޮތުން މިހާރު ކޮންމެ ކަމަކަށްވެސް ހާއްސަ ފޯމްތަކެއް ތައާރަފްކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355