ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޭންކް އެކައުންޓަކަށް މިދިޔަ މަހުގެ ތެރޭގައި 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ލިއުންތައް ސައްހަތޯ ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ބަލަމުން އަދި ނުދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މި މައްސަލަ ހުށައަޅާފައިވަނީ އާންމު މީހެކެވެ. އޭނާ ހުށައަޅާފައިވާ މައްސަލާގައި ވާގޮތުން ރާއްޖޭގައި މަސްރޫއެއްް ހިންގުމަށް އައި ބޭރުގެ ކުންފުންޔަކުން ރައީސްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައި ކަމަށެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ފައިސާ ޖަމާކޮށްފައި ވަނީ މެލޭޝިއާގައި ހުޅުވާފައިވާ ރައީސްގެ އެކައުންޓަކަށް ކަމަށެވެ. އެ މައްސަލައާ ގުޅޭ ޓްރާންސެކްޝަންތަކެއް ކަމަށް ބުނެ ލިއުންތަކެއް ވެސް އޭސީސީ އަށް އޭނާ ހުށަހެޅި އެވެ.
މި ތުހުމަތާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް ވިދާޅުވެފައިވަނީ މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯނާނެކަމަށާއި، މެލޭސިއާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ.
އޭސީސީގެ ނައިބު ރައީސް އައިމިނަތު މިންނާ ވިދާޅުވީ ރައީސަށް ތުހުމަތުތަކެއްކޮށް ހުށަހެޅި މައްސަލައިގެ ތަހުގީގު ނުފަށާ ކަމަށެވެ. އެހެން ނަމަވެސް ރައީސަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައާ އެކު ކޮމިޝަނާ ހިއްސާކުރި ލިއުންތަކަކީ ސައްހަ އެއްޗެއްތޯ ބަލަމުން އަންނަ ކަމަށާއި އެއީ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި ނަމަ އަމަލުކުރާ އާއްމު އުސޫލު ކަމަށެވެ.