ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ގޮޅިތަކުގެ އަގުތައް ހެޔޮ ކުރުމުގެ ވިސްނުން ނެތްކަމަށް އެކައުންސިލުން ބުނެފި އެވެ.
މާރުކޭޓްގެ ގޮޅިތައް ދޫކޮށްފައިވަނީ އެތަނުން ލިބޭ ހިދުމަތާ އަޅައި ބަލާއިރު އެކަށީގެންވާ އަގަކަށް ނޫން ކަމަށާއި ތަނުގެ ވިޔަފާރި ހަމަޔަކަށް އެޅެންދެން ގޮޅިތަކުގެ އަގުހެޔޮކޮށްދިނުމަށް ބައެއް ވިޔަފާރިވެރިން އެދެ އެވެ.
ކޭއޯއާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ މާރުކޭޓްގައި ފުރިޖްފަދަ ތަކެތި ބޭނުން ނުކުރެވޭ ކަމަށާއި އެހެންވުމުންވެސް ވިޔަފާރި ހިފަހައްޓާލަން އުނދަގޫވާ ކަމަށެވެ. އަދި މާރުކޭޓްގެ ގޮޅިތައް ނެގި ގިނަ ބަޔަކު ވިޔަފާރި ދަށްވުމުން ގޮޅިތައް ދޫކޮށްލާފައިވާ ކަމަށާއި މާރުކޭޓެއްގެ ގޮތުގައި ތަން ހިންގަން ކައުންސިލުން ބޭނުންނުވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
"ގޮޅިތައް ނަގައިގެން އުޅެނީ އާންމުން ގިނައިން، ބޮޑެތި ވިޔަފާރިވެރިންނެއް ނޫން. ތަން ހިންގާލުމަށް ގޮޅިތަކުގެ އަގުހެޔޮކުރަން އެދެން. ކައުންސިލުން ބޭނުމެއް ނުވޭ ތަން ހިންގާކަށް އެމީހުން ބޭނުންވަނީ މިތަން ބަޔަކަށް ގުދަނެއް ހަދަން ކުއްޔަށްދޭން." ބައެއް ވިޔަފާރިވެރިން ބުންޏެވެ.
ގޮޅިތައް ހިންގާ ބައެއް ފަރާތްތަކުގެ މިޝަކުވާއާ ގުޅިގެން ކޭއޯގެ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ގޮޅިތަކުގެ އަގުހެޔޮކުރުމުގެ ވިސްނުން ކައުންސިލްގައި އަދި ނެތް ކަމަށެވެ. ސަބަބެއްގޮތުގައި އޭނާ ވިދާޅުވަނީ އަގުހެޔޮކޮށްގެން މާރުކޭޓް ހިންގުމުގެ ހަރަދު ދެކޮޅު ނުޖެއްސޭތީ ކަމަށެވެ.
މާރުކޭޓްގައި ބައްތިރީސް ގޮޅި ހިމެނިފައިވާއިރު ބަންދުކުރެވޭގޮތަށް ދެ ގޮޅި ހުރެ އެވެ. އެ ދެ ގޮޅި ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ މަހަކު 1200 ރުފިޔާއަށެވެ. އަދި ފަސްދޮޅަސް ހަތް އަކަފޫޓްގެ ސައްބީސް ގޮޅި ދޫކުރަނީ މަހަކު 1000 ރުފިޔާއަށް އަދި ފަންސާސް ހަތް އަކަފޫޓްގެ ހަތަރުގޮޅި ދޫކުރަނީ މަހަކު 800 ރުފިޔާ އަށެވެ.
ލަތީފް ވިދާޅުވީ އަގުތައް ކަނޑައަޅާފައިވަނީ ވަރަށް ގިނަ ގޮތްގޮތަށް ބަލާފައިކަމަށާއި އެގޮތަށް ބަލާނަމަ ގޮޅިތައް އަގުބޮޑެކޭ ނުބުނެވޭނެ ކަމަށެވެ.
އެގޮތުން ބަލާއިރު މާރުކޭޓް ރަނގަޅު ފެންވަރަކަށް ހަދާފަ އެތަން 500ރ އަށް ދިނުމަކީ އެހާ ރަނގަޅު ކަމެއް ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. ލަތީފް ވިދާޅުވީ އެ އަގުތަކަށް ބަލާއިރު ބޮޑުކަމަށް ނުބެލެވޭ ކަމަށާއި ދިމާވެގެން އުޅެނީ އެހެން މައްސަލައެއް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ލަތީފް ވިދާޅެއް ނުވި އެވެ. ލަތީފް ވިދާޅުވީ މާރުކޭޓަކީ ކައުންސިލުން ސަބްސިޑީ ދީގެން ހިންގާ ވިޔަފާރިއެއްގެ ގޮތުގައިވުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ނުދެކޭ ކަމަށެވެ.