ހޯރަފުށީގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ ހޮސްޕިޓަލް އެޅުމަށް ރަށުގެ 5 ސަރަހައްދެއް ދައްކާ، އޭގެތެރެއިން ހޮސްޕިޓަލް އެޅުމަށް އެންމެ އެކަށީގެންވާ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހޯރަފުށި ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދެފިއެވެ.
އެގޮތުން އެ މިނިސްޓްރީން ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް އެދި އެ ކައުންސިލަށް ފޮނުވި ސިޓީއާ ހަވާލީ ދީ ސެޕްޓެމްބަރު މަހު އެއްވަނަ ދުވަހު އެ ކައުންސިލުން ހެލްތު މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ރަށުގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމަށް މިނިސްޓްރީގެ ބޭނުމަށް ބިން ދޫކުރުމަށް އެ ކައުންސިލުން މިދިޔަ އޮގަސްޓް 30 ވަނަ ދުވަހު ރައްޔިތުންނާއި ބައްދަލުކޮށް މައުލޫމާުތު ހިއްސާކޮށްފައިވާނެ ކަމަށެވެ.
މިނިސްޓްރީއަށް ފޮނުވި ސިޓީއާ އެކު ހޯރަފުށީގައި ހޮސްޕިޓަލެއް އެޅުމަށް އެކަށީގެންވާ 5 ސަރަހައްދެއްގެ ތަފްސީލްވެސް އެ ރަށުކައުންސިލުން ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން ސަރަހައްދު އެކެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ހޯރަފުށި ސިއްހީ މަރުކަޒު އިތުރަށް ބޮޑުކޮށް ހޮސްޕިޓަލެއް ތަރައްގީ ކުރުމަށެވެ. ސަރަހައްދު ދެއެއްގައި ފާހަގަކޮށްފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުން ހޮސްޕިޓާ ތަރައްގީކުރުމަށް ލިބެންއޮތް ހުސްބިމެވެެ.
ސަރަހައްދު ތިނެއް ގައި އެރަށުގެ ފެނަކަ ކޯޕަރޭޝަން އުތުރުން އޮތް ހުސްބިން ފާހަގަކޮށްފައިވާއިރު ސަރަހައްދު ހަތަރެއްގައި ފާހަގަކޮށްފައިވަނީ އެރަށުގެ ސްޓޭޑިއަމް ބިމެވެ. އެގޮތުން ސްޓޭޑިއަމް ބިން ފާސްވެއްޖެނަމަ ސްޓޭޑިއަމް ބަދަލު ކުރަން ބޭނުންވާ ސަރަހައްދުގެ ޗާޓެއްވެސްވަނީ މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.
ފަސް ވަނަ ސަރަހައްދެއްގެ ގޮތުގައި ހިމަނާފައިވަނީ އެރަށުން އަލަށް ގޯތި ދޫކުރި ސަރަހައްދުން ހޮސްޕިޓާ އެޅުމަށް ބިން ނެގޭނެ ގޮތުގެ ކުރެހުމެވެ. އެގޮތުން މި ސަރަހައްދުގައި ހޮސްޕިޓާ އެޅުމަށް ފާސް ވެއްޖެނަމަ އަލަށް ދޫކުރި ގޯތިތަކުގެ ތެރެއިން 43 ގޯތި ނަގަންޖެހެއެވެ.
އެގޮތުން މި 5 ސަރަހައްދުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅުއްވާ ބިން ރަސްމީކޮށް ކައުންސިލުން އެންގުމުން ކައުންސިލްގެ އާންމު ޖަލްސާއަކުން ހޮސްޕިޓާ އެޅުމަށްޓަކައި ބިމެއް ކަނޑައަޅުއްވާ ފާސްކޮށް އެކަމުގެ ހުރިހާ އިދާރީ މަސައްކަތްތައް ނިންމާ މިނިސްޓްރީއާއި ހިއްސާކުރާނެ ކަމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.