twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާއްޖެއާ އިންޑިއާގެ ބޮޑު މުއާހަދާއެއްގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Sep 4, 2019
4

ރާއްޖެ އާއި އިންޑިއާ ޖިނާއީ މައްސަލަތަކުގައި އެއް ގައުމު އަނެއް ގައުމަށް ގާނޫނީ އެއްބާރުލުން ދިނުމުގެ މުއާހަދާގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިޔަށްދާ އިންޑިއަން އޯޝަން ކޮންފަރެންސް ހަވާސާގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގެ ލިއުންތައް ބަދަލުކުރުމުގެ ރަސްމިޔާތުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި ޕްރޮސެކިއުޓާ ޖެނެރަލަލް އައިޝަތު ބިޝާމް ބައިވެރިވިއެވެ. އިންޑިއާގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަނެފައިވަނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ސުންޖޭ ސުދިރެވެ.

ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް ގެ ނަމުގައި އެކުލަވައިލި އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިއަހަރު ޖުލައިމަހުގައި ބޭއްވި ޖަލްސާގަ 65 މެމްބަރުންގެ ރުހުން ލިބިގެނެވެ.

މުއާހަދާގެ ބޭނުމަކީ ދެގައުމު ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމާއި ޖިނާއީ ކުށްތައް ހުއްޓުވަން ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ. ކޯޓު އަމުރު ތަންފީޒު ކުރުމުގަ އާއި އެހެނިހެން ޝަރުއީ ކަންކަމާއި ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް ބާރު އެޅުމެވެ. އަދި ޖިނާއީ މައްސަލަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދިނުމަށް މުއާހަދާގައި ލާޒިމްކޮށްފައިވެ އެވެ.

މުއާހަދާގައިވާ ގޮތުން ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާ އިރު ތުހުމަތުކުރެވޭ މީހާ އުޅޭ ތަނާއި އެ މީހަކު ގެންގުޅޭނެ ތަކެތި ބެލުމުގެ އިހްތިޔާރު ލިބިގެންވެ އެވެ. އަދި އެ މީހަކު ގެންގުޅޭ ބޭންކާ ގުޅޭ މައުލޫމާތުތަކާއި މާލީ އަދި ވިޔަފާރީގެ ރިކޯޑުތައް ދޭން ވާނެ ކަމަށް މުއާހަދާގައި ވެ އެވެ. ބަންދުކޮށްފައި ހުންނަ މީހަކު ތަހުގީގަށް އެއްބާރުލުން ދިނުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އެއްވެސް މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގާ ނަމަ އެ މީހަކު ހަރަދު ކުރަން ގެންގުޅޭ ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް ދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355