ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުގައި އަންނަ އަހަރުން ފެށިގެން ޕްރައިމަރީ ގުރޭޑްތައް އުފައްދާ ކިޔަވައިދޭން ނިންމާފައިވާކަން އެނގިއްޖެ އެވެ.
2016 ވަނަ އަހަރާ ހަމައަށް ޖަލާލުއްދީން ހާއްސަވެފައިވީ ސާނަވީ އަދި މަތީ ސާނަވީއަށް ހާއްސަކޮށް ތައުލީމް ފޯރުކޮށްދެމުންދާ ސްކޫލެއްގެ ގޮތުގައި އެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ނިންމާފައިވަނީ އެ ސްކޫލަކީ ހަމައެކަނި މަތީ ސާނަވީއަށް ހާއްސަ ސްކޫލަކަށް ބަދަލުކުރުމަށެވެ.
އެހެންކަމުން ޖަލާލުއްދީން ސްކޫލްގެ ސާނަވީ ގުރޭޑްތައް ހދ އަތޮޅު ތައުލީމީ މަރުކަޒަށް ދިޔައީ ބަދަލުކުރަމުންނެވެ. އެގޮތުން ފަހަރަކު ގުރޭޑެއް ޖަލާލުއްދީން ސްކޫލުން އުނިކުރަމުން އޭއީސީގައި ދިޔައީ އެ ގުރޭޑްތައް އުފައްދަމުންނެވެ. ނަމަވެސް މި ސަރުކާރު އައުމާއެކު އަނެއްކާވެސް މިވަނީ ބަދަލުތަކެއް ގެނައުމަށް ނިންމާފަ އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި ޖަލާލުއްދީން ސްކޫލުގައި އަންނަ އަހަރުން ފެށިގެން ގުރޭޑް 1-12 އަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި މިވަނީ ނިންމާފަ އެވެ. އަދި އަންނަ އަހަރު އޭއީސީގައި ގުރޭޑް 9 އެއް އުފައްދާނެ އެވެ. މިބަދަލު ގެނެސްފައިމިވަނީ އެޑިކޭޝަން މިނިސްޓްރީ އާއި ކުޅުދުއްފުށީގެ ސްކޫލްތަކުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު އެވެ.
" ހަމައެކަނި މަތީ ސާނަވީ ސްކޫލެއްގެ ގޮތުގައި ޖަލާލުއްދީން ސްކޫލްގެ ބަދަލުކުރުމުން އެތަނުގެ އެންރޯލްމަންޓް ވަރަށް ބޮޑަށް މަދުވެގެންމިދިޔައީ. އެހެންވުމުގެ ސަބަބުން އެ ސްކޫލަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިޔަ. މުބާރާތްތައް ބާއްވާނެ ވަރަށް ދަރިވަރުން ނުލިބުމާއި އިތުރު ހަރަކާތްތައް ނުފެށުން ފަދަ މައްސަލަތައް ކުރިމަތިވި." ކުޅުދުއްފުށީ ސްކޫލެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އަނެއް ކޮޅުން އޭއީސީއަކީ ގުރޭޑް 7 އާ ހަމައަށް ކިޔަވައިދެމުންދިޔަ ސްކޫލެއް ނަމަވެސް އެތަނުގެ ޖާގައިގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. ނިމިދިޔަ ސަރުކާރުން އޭއީސީގައި ގުރޭޑް އަށެއް އުފެއްދިއިރު އެތަނުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދީފައިނުވާ ކަމަށެވެ.
މިދިޔަ އަހަރު އޭއީސީގައި ނުވައެއް އުފެއްދޭގޮތް ނުވީ ޖާގައިގެން މައްސަލަ ބޮޑުކަމުންނާއި ސާނަވީ ސްކޫލަކުން ލިބެން ޖެހޭ ހިދުމަތްތައްވެސް އެންމެ ފުރިހަމަގޮތުގައި ގާއިމުކޮށްދީފައިނުވުމުން ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"މިސަރުކާރުން އައިސް މި ބެލީ ތައުލީމީ ގޮތުން މި ދެ ސްކޫލަށް އެންމެ ރަނގަޅުވާނެ ގޮތަކީ ކޮބާތޯ ބަލާ އެގޮތަށް އަމަލުކުރެވޭތޯ މަސައްކަތް މިކުރަނީ. މިއީ ހަމައެކަނި އެޑިއުކޭޝަނުން އެކަނި ނިންމި ނިމުމެއް ނޫން. ރަށުގެ ސްކޫލުތަކުގެ ވެރިންނާ ބައްދަލުކޮށް ނިންމީ." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުގައްރަރަށް އައި ބަދަލާއެކު ގުރޭޑް 7 މަތި ޖަލާލުއްދީނަށް އަލުން ބަދަލުކުރުމަށްވެސް ބައެއް ފަރާތަކުން ލަފާދިން ކަމަށާއި ނަމަވެސް އެގޮތަށް އަމަލުކޮށްފިނަމަ އޭއީސީއަށް ނިކަމެތިކަން ލިބިގެންދާނެކަމަށް ފެންނާތީ އެ ހިޔާލު މިނިސްޓްރީން ބަލާނުގަތީ ކަމަށެވެ. އަދި މިނިސްޓްރީ ނިންމީ އެއީސީއަކީވެސް ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 އާހަމައަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރަން އަދި ޖަލާލުއްދީން ސްކޫލަކީ އެކަކުން 12 ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރަންކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިބަދަލާއެކު އޭއީސީއަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލައަށްވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށާއި އަދި ކުޅުދުއްފުށީގެ ސްކޫލުތަކުގެ މެދުގައި ތައުލީމީ ވާދަވެރިކަމާއި ސްކޫލްތަކުގެ މެދުގައި ގިނަ މުބާރާތެއްވެސް ބޭއްވި ތައުލީމީ އާ ހަރުފަތެއް ފެށިގެންދާނެކަމަށެވެ. އަންނަ އަހަރުން ފެށިގެން މިގޮތަކަށް އަމަލުކުރަން ނިންމާފައިވާކަން ސްކޫލުތަކުން ވަނީ ބެލެނިވެރިންނާވެސް ހިއްސާކޮށްފަ އެވެ.