twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަރުހަބާ: ޝަރުއީ އަދި ޤާނޫނީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔަކަށް ނާޒިމް

Sep 16, 2019
1

ޝަރުއީ އަދި ގާނޫނީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު "އަވަސް އޮންލައިން"ގެ ނާޒިމް ހަސަން ހޯދައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ޝަރުއީ އަދި ގާނޫނީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ނާޒިމް ހާސިލްކޮށްފައިވާއިރު އޭނާގެ ނޫސްވެރިކަމުގެ ހަޔާތް ފެށިފައިވަނީ "ކުޅުދުއްފުށި އޮންލައިނުން" އެވެ. އެއަށްފަހު ނާޒިމް ވަނީ "ވަގުތު" ނޫހުގައިވެސް މަސައްކަތްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެންމެ ގިނަ އެވޯޑުތަކާއެކު އެންމެ ކުރީގައި އުޅެނީ "މިހާރު" ނޫހެވެ. އެމްއެމްސީ ގެ މިދިޔަ އަހަރުގެ އެވޯޑުގެ އަށް ކެޓަގަރީއަކުން ދިން އެ އިނާމުގައި ވާދަކުރި ހުރިހާ ކެޓަގަރީއަކަށް "މިހާރު"ގެ ނޫސްވެރިން ނޮމިނޭޓްވި އެވެ. އަދި ފަސް ކެޓަގަރީ އަކުން އެނޫހުގެ ނޫސްވެރިން ވަނީ އެވޯޑު ހޯދާފަ އެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކާ ތަމްރީނާއި މަތީ ތައުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ހާމަކުރެއްވި އެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސްގަލަން ހާސިލުކުރި ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި އެވޯޑް ބާރަ ފަރާތަކަށް ލިބިފައިވާއިރު ނޫސްވެރިކަމުގެ އަލިމަސް ގަލަން 9 ފަރާތަކަށް އަދި ނޫސްވެރިކަމުގެ ރަންގަލަން 12 ފަރާތަކަށް ލިބިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355