ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ގައުމީ ޕްރެސް ކުލަބެއް އުފެއްދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ނޫސްވެރިކަން ތަރައްގީކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި އެއީ ހެޔޮވެރިކަމުގެ އެއްބައި ކަމުގައި ވިދާޅުވިއެވެ.
އަދި ޕްރެސް ކްލަބެއް އުފެއްދުމުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިޔާގެ ގާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމަކީ ޑިކޮމްރެސީގެ އެއްތަނބުކަން ފާހަގަކުރައްވައި ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް، ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި ނޫސްވެރިންގެ މަސައްކަތް ވަރަށް މުހިންމުކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިނިވަންކަމާއެކު ހަރަކާތްތެރިވާ ޑިމޮކްރެސީގެ އުސޫލުތައް ދަމަހައްޓާ މީޑިއާއެއް އޮތުމަކީ ޑިމޮކްރެސީއެއް އުފެދި އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިސަރުކާރު ފެށުނު އިރު ރާއްޖޭގެ ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރައްވައި އޭރު ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި ނޫސްވެރިކަން އޭރު އޮތް ހާލަތުގެ މައްޗަށްވެސް ނައިބުރައީސް އަލިއަޅުވާލެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިސަރުކާރުން ރައްކާތެރިކޮށްދީފައިވާކަން ފާހަގަކުރައްވައި މިސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ ވެސް ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާ އެކުކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ. އަދި ނޫސްވެރިންނަށް މިނިވަންކަން ދިނުމުން މި ސަރުކާރަށް ގެއްލުމެއް ލިބުމުގެ ބަދަލުގައި ކުރީ ފައިދާކަންވެސް އެމަނިކުފާނު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ހަމަ އެހެންމެ މިސަރުކާރު ދެމިއޮތްހާ ދުވަހަކު ސަރުކާރާ އިދިކޮޅު އެއްވެސް މީޑިއާއެއް ނޯންނާނެކަމުގެ ޔަގީންކަން ނައިބު ނޫސްވެރިންނަށް ދެއްވިއެވެ.
ނޫސްވެރިންގެ ހިޔާލާއި ފާޑުކިޔުންތައް ސަރުކާރުން ކިޔައި އަޑުއަހައި ސަރުކާރުން ކުރިޔަށްދަނީ ފާޑުކިޔުންތަކުގެ އަލީގައި ދައުލަތް ހިންގުމުގެ ކަންކަން އިސްލާހު ކުރަމުންކަމުގައިވެސް ނައިބު ވިދާޅުވިއެވެ.
ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، އެމިނިވަންކަމެއްގެ ބޭނުން ހިފުމުގައި ވަކި ހަމަތަކަކާއި ވަކި ސުލޫކެއް ގެންގުޅުމަކީ ނޫސްވެރިކަމުގެ އަސާސީ އެއްސިފަކަން ފާހަގަކުރައްވައި ކިތަންމެ އަވަހަށް ޝާއިޢުކުރައްވަންޖެހޭ ހަބަރަކަށް ވިޔަސް އެ ހަބަރެއްގެ ތެދުދޮގު ކަށަވަރު ކުރައްވައި ރައްޔިތުންގެ އިތުބާރު ހޯއްދެވުމަކީ ނޫސްވެރިންގެ އަގު ހިފެހެއްޓުމަށްޓަކައި ވަރަށް މުހިންމު ހަމައެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.